ގިނަ ގައުމުތަކަކުން ބަލައިގަންނަ ސްޓޫޑަންޓް އައިޑީކާޑެއް ރާއްޖެ އަށް ތައާރަފްކުރަނީ
ގިނަ ގައުމުތަކަކުން ބަލައިގަންނަ ސްޓޫޑަންޓް އައިޑީކާޑެއް ރާއްޖެ އަށް ތައާރަފްކުރަނީ

ލަނިއާކިއާ އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑާއި އައިއެސްއައިސީ ގްލޯބަލް އޮފީހުން، އިންޓަނޭޝަނަލް ސްޓޫޑަންޓް އައިޑީ ކާޑު (އައިއެސްއައިސީ) ރާއްޖޭގެ ދަރިވަރުންނަށް ތައާރަފްކުރަން ނިންމައިފި އެވެ.

އިންޓަނޭޝަނަލް ސްޓޫޑަންޓް އައިޑީ ކާޑުގެ އިތުރުން، ލަނިއާކިއާ އެޑިއުކޭޝަނުން ވަނީ އިންޓަނޭޝަނަލް ޔޫތު ޓްރެވަލް ކާޑް (އައިވައިޓީސީ) އާއި އިންޓަނޭޝަނަލް ޓީޗާ އައިޑީ ކާޑު (އައިޓީއައިސީ) ވެސް ތައާރަފްކުރަން ނިންމައިފަ އެވެ.

ނެދަލޭންޑްސްގެ އެމްސްޓަޑަމްގައި 1953 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ މި ސްޓޫޑަންޓް ކާޑަކީ ދުނިޔޭގެ 130 އަށްވުރެ ގައުމެއްގައި ބަލައިގަންނަ ކާޑެކެވެ. އަދި މި ކާޑު ބޭނުންކޮށްގެން ދަރިވަރުން ބޭނުންވާ ކެފޭތަކާއި ބުކްޝޮޕްތަކާއި ވަރަށް ގިނަ ފިހާރަތަކުންނާއި ދަރިވަރުން ބޭނުންވާ ސޮފްޓްވެއާތަކުން ބޮޑެތި ޑިސްކައުންޓް ލިބެ އެވެ.

ދަރިވަރުންނަށް ހާއްސަ ކާޑެއް ތައާރަފް ކުރާާއިރު، ޒުވާން ދަތުރުވެރިންނަށާއި ޓީޗަރުންނަށް އައިއެސްއައިސީ ގްލޯބަލް އޮފީހުން ވަނީ ކާޑެއް އުފައްދައިފަ އެވެ. އިންޓަނޭޝަނަލް ޔޫތު ޓްރެވަލް ކާޑަކީ 12 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް އޮންލައިން ޝޮޕިން ޑިސްކައުންޓްތަކާއި ދަތުރުފަތުރުކުރުމުގައި ވެސް ޑިސްކައުންޓް ލިބޭނެ ކާޑެކެވެ. އިންޓަނޭޝަނަލް ޓީޗާސް އައިޑީ ކާޑަކީ ވެސް ދުނިޔޭގެ ގިނަ ތަންތަނުން ޑިސްކައުންޓް ލިބޭ ކާޑެކެވެ.

މި ކާޑަކީ 1968 ވަނަ އަހަރުން ފެށިގެން ޔުނައިޓަޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން އެންޑޯޒް ކުރަމުން އަންނަ ކާޑެކެވެ. އަދި މި ތިން ކާޑު ވެސް އަންނަ ޖެނުއަރީން ފެށިގެން ލަނިއާކިއާ އެޑިއުކޭޝަން މެދުވެރިކޮށް ގަނެވޭނެ އެވެ.