އިމްރާންގެ ވަދާއީ މެޗު ރާވައި ޝުމައިކަލް އާއި ސަލްގާޑޯ ގެންނަނީ
އިމްރާންގެ ވަދާއީ މެޗު ރާވައި ޝުމައިކަލް އާއި ސަލްގާޑޯ ގެންނަނީ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅޭ ވަދާއީ މެޗު މި މަހުގެ 29 ވަނަ ދުވަހުގެރޭ ކުޅެން އެފްއޭއެމުން ރާވައި އެ މެޗުގައި ކުޅެން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް އަދި އަދި ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ގެންނަން ހަމަޖައްސައިފި އެވެ.

މިއީ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބަޔެއްގެ ގޮތުގައި ކުޅޭ މެޗެކެވެ. އެ އެވޯޑްސް ހަފުލާ އޮންނަނީ ކްލަބް ފަރު ރިޒޯޓުގައި މި މަހުގެ 28 ވަނަ ދުވަހު ހަވީރެވެ. މެޗު އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ ރެޔެވެ.

މި މެޗުގައި އިމްރާންގެ ޓީމަށް ކުޅޭނެ ކުޅުންތެރިންނާއި ކޯޗު ނިންމާނީ އޭނާ އެވެ. އިމްރާނުގެ ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނެ އެވެ. އިމްރާން ބުނީ އޭނާގެ ޓީމަށް ބޮޑަށް ނަގާނީ މިހާރުގެ ކުޅުންތެރިންނަށް ވުރެ އޭނާއާ އެކު ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު ކުޅުންތެރިންނާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިން ކަމަށެވެ.

އެފްއޭއެމްގެ ޓީމު ލީޑުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެކު 1999 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރި ކުޅަދާނަ ގޯލްކީޕަރު ޝުމައިކަލެވެ. އެ ޓީމުން ދެން ހިމެނޭ ސަލްގާޑޯ އަކީ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސްޕެއިން ޑިފެންޑަރެކެވެ.

"މިކަންކުރުން ލަސްވިޔަސް، ވަރަށް ފުރިހަމަކޮށް ރާވާފައި އޮތުމުން ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުއްމީދުކުރަން. އަޅުގަނޑަށް ކޮށްދޭ ކަމެއްގެ ގޮތުގައި ސަޕޯޓަރުން މިކަންކޮށްދޭން އެދެން،" އިމްރާން ބުންޏެވެ. "މިއީ ރައްޔިތުން ބަލާހިތްވާ އިވެންޓަށް ވެގެންދާނެ."

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އިމްރާނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ކަމަށާއި ގައުމީ ޓީމަށް މެދުކެނޑުމެއްނެތި އެހާ ގިނަ ދުވަސްވަންދެއް ކުޅުނު ކުޅުންތެރިޔަކަށް ޝަރަފްވެރިކަމާ އެކު ރިޓަޔާކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

"އިމްރާން 17 އަހަރު ގައުމީ ޓީމަށް ގިނަ ހިދުމަތްތަކެއް ވަނީ ކޮށްދީފައި. ގައުމުގެ ހައްގުގައި ވީ ގުރުބާނީގެ އަގުވަޒަންކުރަން މިއީ ސަޕޯޓަރުންނަށް ލިބޭ ރަނުގެ ފުރުސަތެއް. ދަނޑުމަތީގައި ގިނަ ކަންތައްތަކެއް ރޭވިފައިވާއިރު ސަޕޯޓަރުން ވީހާ ވެސް ގިނައިން ދަނޑަށް ވަނުމަކީ ވަރަށް ބޮޑު އެދުމެއް،" ޖަވާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޗުގައި ކުޅޭ ދެ ޓީމުގެ ކުޅުންތެރިންގެ ނަންތައް ދެ ދުވަހެއްތެރޭ ފައިނަލް ކުރެވޭނެ ކަމަށެވެ.

މޯލްޑިވްސްފުޓްބޯލްގެ އެޑިޓަރު ޝިމާޒް އަލީ ބުނީ މި ފަހަރުގެ އެވޯޑްސް ކުރިއަށްވުރެ ހާއްސަވާނެ ކަމަށާއި އެގޮތުން އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާ ހޮވައި އަދި ގައުމީ އަންހެން ޓީމަށް ހިދުމަތްކުރި ކުޅުންތެރިޔަކަށް އެވޯޑްދޭނެ ކަމަށެވެ. މި އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ކޯޗު، ބިދޭސީ ކުޅުންތެރިޔާ އަދި އުއްމީދީ ކުޅުންތެރިޔާ ހޮވަ އެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ގޯލު ވެސް ހޮވަ އެވެ.

މި އެވޯޑްސްއާ ގުޅޭ އެންމެ ހާއްސަ ކުޅުންތެރިޔާ އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ނަމަވެސް އޭނާ އައީ ކްލަބް ފުޓްބޯޅަ ކުޅެމުންނެވެ. އޭނާ ދާދި ފަހުން ވެސް ބުނީ އަންނަ އަހަރު ވެސް ކުޅޭނެ ކަމަށާއި ފުޓްބޯޅަ ކެރިއަރު ހުއްޓާލާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށެވެ.

ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ

އދ. މަހިބަދޫ އަށް އުފަން އިމްރާނަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ވަނީ ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފަ އެވެ. އެއާ އެކު، އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.

ކުލަބު ލެވެލްގައި އީގަލްސް، ވިކްޓްރީ، ވީބީ، ނިއު ރޭޑިއަންޓް އަދި މާޒިޔާ އަށް ކުޅެފައިވާ އިމްރާން ފާހަގަކުރެވެނީ މޮޅު ކީޕަރެއްގެ އިތުރުން ހަމަ އެހާމެ މޮޅު ކެޕްޓަނެއްގެ ވެސް ގޮތުގަ އެވެ. އެ ގޮތުން، އޭނާ ވަނީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކޮށް އަދި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

އިމްރާން އެންމެ ފުރަތަމަ އާއްމުންނަށް ފެނުނީ 2000 ވަަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުންނެވެ. އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ޒުވާން ކީޕަރުގެ ކުޅުމަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. އޭގެ ފަހުން، ކުޅުން ހުއްޓާލުމާހަމަ އަށް ވެސް އިމްރާން އަތުން ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުކަން ގެއްލިފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2016 ވަނަ އަަހަރުގެ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްއާ ދެކޮޅަށެވެ.