އަބުރުގެ މައްސަލައެއް ނަޝީދާއި މި ޕާޓީން ވެސް ހުށައެއްނާޅަން: އެމްޑީޕީ
އަބުރުގެ މައްސަލައެއް ނަޝީދާއި މި ޕާޓީން ވެސް ހުށައެއްނާޅަން: އެމްޑީޕީ

ޕަބްލިކް ސާވިސް މީޑިއާ އިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އެއްވެސް މައްސަލައެއް އެމަނިކުފާނު ވެސް އަދި އެމްޑީޕީން ވެސް ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

އަބުރުގެ މައްސަލައެއް ނަޝީދާއި މި ޕާޓީން ވެސް ހުށައެއްނާޅަން: އެމްޑީޕީ
އަބުރުގެ މައްސަލައެއް ނަޝީދާއި މި ޕާޓީން ވެސް ހުށައެއްނާޅަން: އެމްޑީޕީ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަޖިސްޓްރީނުކޮށް ހިންގާ އޮންލައިނަކުން ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އަމިއްލަ މީހަކު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ތަހުގީގުކުރަމުން އަންނަ ކަމެއް އަދި އެ މައްސަލަ ހުށަހެޅީ ކާކު ކަމެއް ފުލުހުން ހާމައެއް ނުކުރި އެވެ.

އިންތި ވިދާޅުވީ އަބުރުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނާ ކަމަށް ވާނަމަ، އެއީ ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާއެއް ކަމަށެވެ. އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އަނގަ ބަންދު ކުރުމަށްޓަކައި، ގާނޫނުއަސާސީއާ ހިލާފަށް ހަދާފައި ހުންނަ ގާނޫނުތައް އެއީ ސައްހަ އެއްޗެއްގެ ގޮތުގައި ދެއްކުމަށް ކޮންމެހެން ރައީސް ނަޝީދުގެ ނަންފުޅު ލައިގެން މަސައްކަތް ކުރާނެ ކަމެއް ނެތް،" އިންތި ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ހެދި ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވަނީ ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަބުރަށް ހުތުރުވާ ޒާތުގެ ރިޕޯޓެއް ގެނެސްދީފަ އެވެ. އެ ރިޕޯޓަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ވެބްސައިޓުން ވެސް އެ ރިޕޯޓް ފަހުން ވަނީ ނަގައިފަ އެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާގައި އޮތް ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭގޮތަށް ފާސްކޮށްފައިވާ ގާނޫނުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެ،ކެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ގާނޫނުގައި ވަނީ ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ ކަމަށް ވެސް ވެ އެވެ.

އަބުރާ ބެހުމަކީ ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ދައްކާ ހަރަކާތެއް، އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން ނުވަތަ އިހްސާސް ކުރެވޭ ކޮންމެ ބަހެއް ކަމަށް އެ ގާނޫނުގައި ލިއެފައިވެ އެވެ.