17 ޑިސެމްބަރ 2018 - 12:27

ބްރައިޓަން، އިންގްލެންޑް (ޑިސެމްބަރު 17) - ޗެލްސީގެ ތަރި އެޑެން ހަޒާޑް ޓީމުގެ ފޯވާޑެއްގެ ގޮތުގައި އެންމެ ކުރިއަށް ކުޅެނީ އޭނާ އަށް އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ޗެލްސީގައި މި ވަގުތު ތިބި ދެ ފޯވާޑުން ކަމަށްވާ އޮލިވިއޭ ޖިރޫޑާއި އަލްވާރޯ މޮރާޓާއާ މެދު ސާރީ އެންމެ ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ، ފަހަކަށް އައިސް ގިނަ މެޗުތަކުގައި ހަޒާޑް އެންމެ ކުރިއަށް ލައިގެން ޗެލްސީން ކުޅެނީ ފޯލްސް ނައިން ސިސްޓަމަށެވެ. އެ ގޮތަށް ކުޅެގެން ހަޒާޑްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭކަމަށް ބުނެ އިނގިރޭސި ގިނަ ޓީވީ އެނަލިސްޓުން އަންނަނީ ފާޑުކިޔަމުންނެވެ.
ލީގުގައި ރޭ ބްރައިޓަންއާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުން ޗެލްސީ 2-1 އިން މޮޅުވިއިރު، އެ މެޗުގައި ހަޒާޑް ވަނީ އެންމެ ކުރިއަށް ކުޅެމުން ލަނޑެއް ޖެހުމުގެ އިތުރުން އަނެއް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މެޗަށް ފަހު ސާރީ ވަނީ ހަޒާޑްގެ މަގާމާ މެދު ވާހަކަ ދައްކައިފަ އެވެ.
"ޔަގީނުން ވެސް ހަޒާޑް ކުރިއަށް ލައިގެން މި ކުޅުވަނީ މަޖުބޫރު ކަމެއް ނެތި. އަހަރެން ބޭނުންވާ ސިސްޓަމަށް ކުޅޭއިރު ހަޒާޑްގެ ކޮލިޓީ ވަރަށް ރަނގަޅަށް ބޭނުންކުރެވޭ އެ މަގާމުގައި. ހަޒާޑް ވެސް ބޭނުންވަނީ ޓީމަށް ފައިދާވާ ގޮތަށް ކުޅެން. އަހަރެމެން މިދާ މިސްރާބުގައި ކުރިއަށްދާނަމަ ހަޒާޑް އެ ރޯލު އަދާކުރުން މުހިއްމު،" ސާރީ ބުންޏެވެ.
އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ މި ސީޒަނުގައި ޗެލްސީއާ ގުޅުނު ފަހުން އެ ޓީމުގެ އެންގޯލޯ ކާންޓޭ ވެސް ފެންނަނީ ކުރިއަށް ވުރެން އެޓޭކިން ރޯލަކުންނެވެ. ސާރީ ވަނީ އެކަމާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.
"ފުރަތަމަ އެންމެން ވާހަކަ ދެއްކީ އަހަރެން ކާންޓޭ ބޭނުންކުރާ ގޮތާ މެދު. ކާންޓޭ އެ މަގާމުގައި ވެސް ތަފާތު ދައްކަން ފެށީމަ. މީޑިއާ އިން އާ ވާހަކަ އަކަށް ނެގީ ހަޒާޑް. އަހަންނަށް މައްސަލައެއް ނެތް،" ސާރީ ބުންޏެވެ.
ރޭގެ މޮޅާ އެކު ޗެލްސީ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ޗެލްސީ އަށް 17 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ.