17 ޑިސެމްބަރ 2018 - 12:22

ޓިއުރިން (ޑިސެމްބަރު 17) - އަންނަ މަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ދޫކޮށްލަން މަޝްވަރާކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ މައްސަލަތަކެއް ޖެހި ފަހަކަށް އައިސް ޕޮގްބާ އަށް އޭނާގެ މޮޅު ކުޅުން ނުދެއްކޭއިރު، ޓީމުން ފުރުސަތު ލިބެނީ ވެސް މަދު ފަހަރަކު އެވެ. ލީގުގައި ރޭ ވާދަވެރި ލިވަޕޫލް އަތުން ޔުނައިޓެޑް 3-1 އިން ބަލިވި މެޗުގައި ޕޮގްބާ އިނީ ކުޅި ބަލާށެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ މިދިޔަ ހަފްތާގައި ޔުވެންޓަސްގެ ބައެއް އޮފިޝަލުންނާ އެކު ޕޮގްބާ ވިއްކާލުމުގެ މަޝްވަރާތަކެއް ކޮށްފަ އެވެ. މެންޗެސްޓާގައި ކުރިއަށްދިޔަ ނުރަސްމީ ބައްދަލުވުމުގައި ޔުވެންޓަސް އިން ބޭނުންވީ އެ ޓީމުގެ ބްރެޒިލް ފުލްބެކް އަލެކްސް ސަންޑްރޯގެ އިތުރުން އެހެން ކުޅުންތެރިއެއް ދިނުމަށް ފަހު ޕޮގްބާ އަލުން ގެންނާށެވެ.
ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާއާ ބެހޭގޮތުން ކުރި ސުވާލުތަކަށް މޮރީނިއޯ ޖަވާބެއް ނުދެ އެވެ.
އެކަމަކު ޔުނައިޓެޑްގެ ވިސްނުން ހުރީ އަލެކްސް ސަންޑްރޯގެ އިތުރުން 60 މިލިއަން ޕައުންޑް ހޯދާށެވެ. އެ އެއްބަސްވުމާ މެދު ޔުވެންޓަސް އިން ވަކި ގޮތެއް ނުނިންމާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑްގެ އޮފިޝަލުންތަކެއް ވަނީ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު ބަލަން ގޮސްފަ އެވެ.
މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ޕޮގްބާ އެހެން ކްލަބަކަށް ބަދަލުކުރަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވަރަށް މަސައްކަތްކުރި އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ވޯލްްޑް ކަޕް ތެރޭގައި ރައިއޯލާ ވަނީ ޕޮގްބާ ބާސެލޯނާ އަށް ބަދަލުކުރަން އެ ކްލަބްގެ ބައެއް ވެރިންނާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.
ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވެ، ދުނިޔޭގެ ފެންވަރުގެ މިޑްފީލްޑަރަކަށްވި އިރު، އޭނާ ދުނިޔޭގެ ރެކޯޑް އަގަކަށް 2016 ވަނަ އަނބުރާ ޔުނައިޓެޑަށް ގެންދިޔައީ ރައިއޯލާ އެވެ.
އުމުރުން 25 އަހަރުގެ ޕޮގްބާ އަށް އަލުން ޔުވެންޓަސް ކުޅުންތެރިން މަރުހަބާ ކިޔާނެ ކަމަށް އެ ޓީމުގެ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ޗަނީ ބުނެފަ އެވެ.