"ބައިވެރިޔާ" އަންނަ މަހު ފަހުކޮޅު ރިލީޒް ކުރަނީ
"ބައިވެރިޔާ" އަންނަ މަހު ފަހުކޮޅު ރިލީޒް ކުރަނީ

އެންވިޝަން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމް "ބައިވެރިޔާ" އަންނަ މަހު ފަހުކޮޅު ރިލީޒް ކުރަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު/އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.

"ބައިވެރިޔާ" އަންނަ މަހު ފަހުކޮޅު ރިލީޒް ކުރަނީ
"ބައިވެރިޔާ" އަންނަ މަހު ފަހުކޮޅު ރިލީޒް ކުރަނީ

ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ނިމިފަ އެވެ.

ޔޫއްޕެ ބުނީ "ބައިވެރިޔާ"ގެ ޝޫޓިން ނިމި، ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަންނަ މަހު ފަހުކޮޅު ފިލްމް އޮލިމްޕަހުގައި އަޅުވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ޔޫއްޕެ ބުނީ ބޭނުން ވަނީ ފިލްމް އަޅުވާ ގޮތަށް މެދުކެނޑުމެއް ނާންނަ ގޮތަށް މަދުވެގެން 10 ޝޯ ދައްކަން ކަމަށެވެ.

"އެހެން ނަމަވެސް އޮލިމްޕަސް އެގޮތަށް ލިބުމުގައި ހުރި ތާށިކަމާ ހުރެ އަދި ޑޭޓެއް ފައިނަލް ނުކުރެވިގެން މިއުޅެނީ. އެކަމަކު އަންނަ މަހުގެ ފަހުކޮޅު ފިލްމް ރިލީޒް ކުރާނަން،" އޭނާ ބުންޏެވެ. "އޮލިމްޕަހުގައި އެހެން އިވެންޓްތައް ވެސް ބާއްވާތީ ޝޯތައް މެދުކެނޑޭ ގޮތަށް ލިބުމަކީ ފިލްމުގެ ވިޔަފާރިއަށް ވެސް އަދި އޯޑިއަންސަށް ވެސް އެހާ ހިތްހަމަޖެހޭ ގޮތަކަށް ނުވޭ."

"ބައިވެރިޔާ" އަކީ ޔޫއްޕެ ސްކްރީން ލިޔެ، އެކްޓްކޮށް، ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ. އަދި ފިލްމުގައި ޔޫއްޕެ އާ އެކު ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.

އޭނާ ބުނީ "ބައިވެރިޔާ" އަކީ ބޭރުގެ ބައެއް ފިލްމުތަކުން ހިޔާލުތައް ނަގައިގެން ހަދާފައިވާ ފިލްމެއް ކަމަށެވެ.

"އެކަމަކު އެއްވެސް ފިލްމެއްގެ ކޮޕީއެކޭ ނުބުނެވޭ ވަަރަށް މީގެ ވާހަކައަކީ ހަމަ ދިވެހި ވާހަކައެއް،" މީގެ ކުރިން "ސަޅިބެ" އާއި "ވަސްވާސް" ކަހަލަ ކޮމެޑީ ފިލްމު ހަދާފައިވާ ޔޫއްޕެ ބުންޏެވެ.

"ކޮމެޑީ ޖޯންރާއަކީ ދިވެހި ސިނަމާ އަށް އާ ވައްތަރެއްގެ ފިލްމެއްވީމަ ތަޖުރިބާ ވެސް ކޮށްލުމުގެ ގޮތުން ހެދި ފިލްމެއް މިއީ. އަނެއްކާ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ފިލްމެއް. ވަރަށް ރަނގަޅަށް ވަރަށް ފުރިހަމަ އަށް ފިލްމުގެ މަސައްކަތް ކުރެވިފައި ހުންނާނީ،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް މި ފިލްމަކީ ބަލާފައި ސިނަމާ އިން ބެލުންތެރިން ނިކުމެގެންދާ އިރު ހެމުންހެމުން ދާނެ ފިލްމެއް."

ޔޫއްޕެ ބުނީ "ބައިވެރިޔާ" އަކީ ކޮމެޑީއަކަށް ވުމުން އޭގެ ކާސްޓުން ވެސް ހޮވާފައި ވަނީ ކޮމެޑީ ރޯލްތަކަށް އިންސާފު ކުރެވޭ ވަރުގެ އެކްޓަރުންނަށް ބަލައިގެން ކަމަށެވެ.

އޭގެ ތެރޭގައި މުހައްމަދު ފައިސަލް، ޝީލާ ނަޖީބް، އަހުމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ) ގެ އިތުރުން އަހުމަދު ސައީދު ހިމެނެ އެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކޮމިޑީއަނުން ގޮތުގައި އެންމެން ދަންނަ އަހުމަދު ސުނީ އާއި ހުސައިން ޝިބާއު ވެސް ހިމެނެ އެވެ.

"ބައިވެރިޔާ" ގެ މުހިއްމު ރޯލަކުން ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) ވެސް ފެނިގެން ދާނެ އެވެ.