ޒަހަމްވި ކުއްޖާ އޮތީ ވެންޓިލޭޓަރުގައި، އާއިލާއިން އެދެނީ ހެޔޮ ދުއާ
ޒަހަމްވި ކުއްޖާ އޮތީ ވެންޓިލޭޓަރުގައި، އާއިލާއިން އެދެނީ ހެޔޮ ދުއާ

ސިމެންތި ބަސްތާ ވެއްޓި އަނިޔާ ލިބުނު ކުއްޖާ ދިރި އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އެ އާއިލާއިން މިއަދު ބުނެފި އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރޭގައި ސިމެންތި ބަސްތާއެއް ވެއްޓި ހަތް އަހަރުގެ ބަންގްލަދޭޝް އަންހެން ކުއްޖަކަށް ވަނީ ބޮޑު އަނިޔާއެއް ލިބިފަ އެވެ. އެއާއެކު އައިޖީއެމްއެޗަށް ގެންގޮސް އޭނާ އަށް ވަނީ ފަރުވާ ދޭން ފަށައިފަ އެވެ.

ޕޭވްމަންޓް މަތިން ހިނގާފައި ދަނިކޮށް އިމާރާތެއްގެ މަތިން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވީ، ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެ ޑޮކްޓަރުންގެ ދޮށީ ދަރިފުޅެެވެ. އެ އާއިލާ މިދިޔަ ހޮނިހިރު ދުވަހު މާލެ އައީ ފަސް ދުވަހުގެ ޗުއްޓީއެއްގައި ވިޔަފާރިކޮށްލުމަށެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ކަރުގެ ކަށިގަނޑާއި ދެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ލޭ ނާރެއް ވެސް އެއްކޮށް ބުރިވެފައިވާ ކަމަށް ބުންޏެވެ. އެނގިފައިވާ ގޮތުން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ވެސް އެ ކުއްޖާ ދެ ފަހަރަކު ހާޓް އެޓޭކް ޖެހިފައި ވެ އެވެ. އެހެންވެ އާއިލާއިން އެދެނީ ކުއްޖާ އަށް ހެޔޮ ދުއާކޮށް ދިނުމަށެވެ.

"ވަރަށް ބޮޑު އަނިޔާތަކެއް ލިބިފައި ވަނީ. ނޭވާ އެކަނި ލެވެނީ،" އާއިލާއިން ބުންޏެވެ.

އެ މީހުން ބޭނުންވަނީ ދަރިފުޅު ރާއްޖެއިން ބޭރަށް ގެންދާށެވެ. އެކަމަކު ކުއްޖާގެ ހާލަތު ހުރި ގޮތުން އެކަން ކުރެވެން އަދި ނެތް ކަމަށްވެ އެވެ.

އިއްޔެ އައިޖީއެމްއެޗަށް ގެންދިއުމާ އެކު އޮޕަރޭޝަނެއް ކޮށްފައި ވެ އެވެ. އަދި ރޭ ވެސް އޭނާގެ އިތުރު އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ.

އެ ހާދިސާއާ ގުޅިގެން، އިމާރާތުގައި މަސައްކަތް ކުރަމުން އަންނަ ޑަބްލިޔު ކޮންސްޓްރަކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ބޭހުގެ ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާ މެދު ކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިމެންތި ބަސްތާ ވެއްޓޭ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯއިން ފަހަތުން ފެންނަ އަންހެނަކީ ކުއްޖާގެ މަންމަ އެވެ. އެ ހާދިސާ ހިނގީ އެ މީހުން ސައިބޮއިގެން ނިކުމެގެން ދަނިކޮށް ކަމަށް ވެ އެވެ. އެ ކުއްޖާ މަންމަ އާ ހައެއްކަ ފޫޓު ދުރުން ވަރަށް މިނިވަން ކަމާ އެކު ހިނގާފައި ދަނިކޮށް އިމާރާުގެ މަތިން ކުއްލިއަކަށް ސިމެންތިތައް ފައިބަ އެވެ. އަދި ސިމެންތިތަކާ އެކު މުޅި ހިސާބުގަނޑުގައި ދުން ބޯކޮށްލަ އެވެ. ތަނެއް ފެންނަވަރު ވީއިރު، އެ ކުއްޖާ އޮތީ ސިމެންތިތަކުގެ ތެރޭގަ އެވެ. އެ ކުއްޖާ ނަގައިގެން ދަނީ އެ ހިސާބުގައި ހުރި މީހެކެވެ.

މި ހާދިސާ އަށް ފަހު އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ އާންމުންނަށް ވަނީ ކުއްލިއަކަށް ތިލަވެ، ސަރުކާރުގެ އެންމެ މަތީ ސަމާލުކަމަށް އައިސްފަ އެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވަނީ އިމާރާތް ކުރުމުގެ ސަލާމަތީ ކަންކަން ބެލުމަށް އަމުރުކުރައްވައިފަ އެވެ. އަދި ޑަބްލިޔު ކޮންސްޓްރަކްޝަންގެ ހުއްދަތައް ހިފަހައްޓައި، އެހެން ކުންފުނިތަކަށް މާލޭ ސިޓީ ކައުންސިލުން ދޭ ހުއްދަތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ އިމާރާތުގެ މަސައްކަތް ޑަބްލިޔު އިން ކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުނިން އެކަން ދޮގުކުރެ އެވެ.