އިމާރާތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލަން ރައީސް އަމުރު ކުރައްވައިފި
އިމާރާތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލަން ރައީސް އަމުރު ކުރައްވައިފި

އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު މައްސަލައިގައި މާލޭގެ އެފަދަ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަމުރު ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިވަގުތު އިންޑިއާގައި ހުންނަވައި ރައީސް ވިދާޅުވީ މާލޭގައި އިމާރާތް ކުރާ ހުރިހާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލުމަށް އަމުރު ކުރެއްވީ ނުރައްކާތެރި ހާދިސާތައް ނުހިނގާނެ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ.

"މާލޭގައި އިމާރާތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަމާއި ސަލާމަތްތެރިކާ ގުޅިގެން އަމަލު ކުރަން ޖެހޭ އުސޫލުތައް ބެލުމަށް އަޅުގަނޑު އަމުރު ކޮށްފިން. މިގޮތަށް އަމުރުކޮށްފައި ވަނީ މަސައްކަތްތެރިންގެ އަދި އާންމުންގެ ސަލާމަތަށްޓަކައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި. އަޅުގަނޑުގެ ދުއާ ވަނީ މިއަދު އަނިޔާވި ކުޑަ އަންހެން ކުއްޖާ އަދި އޭނާގެ އާއިލާއާ އެކު،" ރައީސް ޓުވިޓާ މެދުވެރިކޮށް ވިދާޅުވި އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ މ. ނަލަހިޔާ މަންޒިލް މަތިން ވެއްޓުނު ސިމެންތި ބަސްތާ ޖެހިފައި ވަނީ ޕޭވްމަންޓުން ހިނގާފައި ދިޔަ ހަތް އަހަރުގެ ކުއްޖެއްގެ ގައިގަ އެވެ. އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އައިޖީއެމްއެޗަށް ގެންދިޔުމާ އެކު އެ ކުއްޖާ ވައްދާފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށެވެ.

މިއީ ފ އަތޮޅުގައި މަސައްކަތްކުރާ ބަންގްލަދޭޝް އަންހެން ޑޮކްޓަރެއްގެ ދަރިއެކެވެ. ސިމެންތި ބަސްތާއިން ޖެހުނު އިރު ކުއްޖާ ހިނގަމުން ދިޔައ މަންމައަށްވުރެ ތަންކޮޅެއް ދުރުންނެވެ.

ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި މާލޭގައި އިމާރާތް ކުރުމުގެ ހުއްދަތައް ދިނުން މިއަދު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.