18 އޯގަސްޓް 2016 - 16:14

ދިމިޝްގު (އޮގަސްޓް 18) - ސީރިއާ ހަނގުރާމައިގެ ނުރައްކަލުގެ ވާހަކަ ކޮންމެ ދުވަހަކު ވެސް ނޫސްތަކުން ފެނެ އެވެ. ކޮންމެ ދުވަހަކު ވެސް ބޮން އަޅާ ތަންތަނާއި މަރުވާ މީހުންނާއި ޒަޚަމްވާ މީހުންގެ އަދަދު މީޑިއާ އިން އާއްމު ކުރެ އެވެ.
އެކަމަކު ސީރިއާގެ ލޭއޮހޮރުވުމުގެ ނުރައްކާ ވަޒަން ކުރެވެނީ މިފަދަ ފޮޓޯއަކުންނެވެ. މި ކުޑަ ކުއްޖާގެ އުމުރުން ވާނީ ތިނެއް ނުވަތަ ހަތަރު އަހަރެވެ. ސީރިއާގައި ހަނގުރާމަ އެންމެ ބޮޑަށް ހިނގާ ހަލަބު ސިޓީގެ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ނެރުނު މި ކުޑަ ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވާން ފަށައިފަ އެވެ. މި ކުއްޖާ ނެރުނީ ބުދަ ދުވަހުގެ ރޭ ބޮން އެޅި އިމާރާތެއްގެ ދަށުންނެވެ.
ސިވިލް ޑިފެންސް މަސައްކަތްތެރިން ވަނީ މި ކުއްޖާ ނެގުމަށް ފަހު އެމްބިއުލަންސަކަށް އަރުވައިފަ އެވެ. ކާޓޫނެއް ޖަހާފައިވާ މި ކުއްޖާގެ ޓީޝާޓުގައި ވަނީ ހުސް ކިލަ އެވެ. ކުއްޖާގެ މޫނުގެ ވާތް ފަރާތުގައި ވަނީ ހުސް ލެ އެވެ. އެމްބިއުލެންސްގެ އޮރެންޖް ކުލައިގެ ގޮނޑީގައި އިށީނދެލައިގެން މި ތުއްތު ކުއްޖާ އިރުއިރުކޮޅާ އަތުން ލޯ ފުހެލަ އެވެ. މޫނު ފުހެލުމަށް ފަހު އަތުގައިވާ ލޭތަކަށް ބަލާލަ އެވެ. މި ފޮޓޯ އަޕްކޮށްފައި ވަނީ ހަލަބް މީޑިއާ ސެންޓަރުންނެވެ.
ހަލަބަށް ދިން ހަމަލާގައި މި ކުއްޖާގެ އާއިލާގައި ދެން ތިބި މީހުންނަށް ވީ ގޮތެއް ނޭނގެ އެވެ. ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައި ވަނީ އެ ކުއްޖާގެ ބޮލަށް އަނިޔާވި ނަމަވެސް ސިކުނޑި އަށް އެއްވެސް ގެއްލުމެއްވެފައި ނުވާ ކަމަށެވެ. ސީރިއާ ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގައި ހަލަބުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވެ އެވެ.