16 ޑިސެމްބަރ 2018 - 13:42

ސްރީލަންކަން އެއާލައިންގެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޑިޔާގެ ކޮޗިން އެއާޕޯޓުގައި ތާށިވި ދިވެހިން އެންމެ ފަހުން މިއަދު ހެނދުނު ސްރީ ލަންކާއަށް ފުރައިފި އެވެ.
ސްރީ ލަންކާގެ މަގުން ރާއްޖެ އަންނަން އުޅުނު 69 ދިވެހިން މިދިއަ ހުކުރުދުވަހުގެ ރެއިން ފެށިގެން އިއްޔެގެ ހެނދުނާ ހަމައަށް ތިބީ އެއާޕޯޓް ބޭރުގަ އެވެ. ސްރީލަންކަން އެއާލައިނުން އެ މީހުންނަށް އަޅާނުލާކަމުގެ ޝަކުވާ އެތައް ފަހަރަކު ކުރުމުން އެންމެ ފަހުން ހޮޓަލަކަށް ބަދަކުކުރީ އިއްޔެ ހެނދުނެވެ.
މިއަދު ކޮލަމްބޯއަށް ދާން ފުރީ މައްސަލަ ޖެހުނު ބޯޓު މަރާމާތުކޮށްގެން އޭގައި ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުންނެވެ. ދަތުރުވެރިން ރާއްޖެ އަންނާނީ މިއަދު ހަވީރެވެ.
ސްރީލަންކަން އެއާލައިނުން ކުރިން ބުނެފައިވަނީ ނުފުރި ތިބި ހުރިހާ ދިވެހިންނަށް އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯ އިން މިއަދު ހެނދުނު ފުރަން ހަމަޖެއްސި ކަމަށެވެ. ނަމަވެސް ޖާގަ ނުލިބުމުން އެންމެ ފަހުން އެ އެއާލައިނުން ވެސް ދަތުރުކުރެވޭ ގޮތެއް ނުވި އެވެ.
ސްރިލަންކަން އެއާލައިންސުން ދިވެހި ދަތުރުވެރިންނާ މެދު ފުރަތަމަ އަމަލްކޮށްފައި ވަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ މުޅިން ހިލާފަށެވެ. ބޯޓުގައި ފަސް ގަޑިއިރު ބޭތިއްބުމަށް ފަހު ބޭލުމުން އެ މީހުންނަށް އެއްވެސް ވަރަކަށް އަޅާލާފައެއް ނުވެ އެވެ.
ދިވެހި ދަތުރުވެރިންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ބަލިމީހުން ވެސް ތިއްބެވެ. އެ އެންމެން އެންމެ ފަހުން ނުކުމެ ތިބީ އެއާޕޯޓް ބޭރުގަ އެވެ.
ވައިގެ ދަތުރުފަތުރާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތައް ބުނާ ގޮތުން ބޯޓަށް އެރުވުމަށް ފަހު ދިމާވާ މައްސަލައެއްގައި ނުފުރިގެން އަލުން ބާލަން ޖެހިއްޖެ ނަމަ ފަސިންޖަރުންނަށް އެކަމޮޑޭޝަނާއި ކެއުން ހަމަޖައްސައި ދޭން ޖެހޭނީ އެ އެއާލައިނަކުންނެވެ.