17 ޑިސެމްބަރ 2018 - 09:12

އެޕަލްގެ އާ ކެމްޕަސްއެއް ޓެކްސަސްގެ އޯސްޓިން ސިޓީގައި ގާއިމް ކުރުމަށް އެކުންފުނިން ނިންމައިފި އެވެ.
އެޕަލް ކުންފުނިން އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން އޯސްޓިންގައި ގާއިމްކުރާ މިއީ ދެވަނަ ކެމްޕަސް އެވެ. މިއާ އެކީ އެކުންފުނި ވެގެންދާނީ އޯސްޓިންގައި އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ އަމިއްލަ ކުންފުންޏަށެވެ.
ތަޖުރިބާކާރަކު ބުނީ އޯސްޓިން އަކީ ޓެކްނޮލޮޖީ ދާއިރާގެ ތަމްރީނު ލިބިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ސިޓީއެއް ކަމަށެވެ.
އިންޓެލްގެ އެޓޮމް ކޮމްޕިއުޓަ ޕްރޮސެސަރުތައް ޑިވެލޮޕްކޮށްފައިވަނީ ވެސް އެ ސިޓީގަ އެވެ. މީގެ އިތުރުން ޑެލް އާއި އެމޭޒަން އާއި ސެމްސަންގް އާއި ފޭސްބުކް އާއި ގޫގުލްގެ އިތުރުން އައިބީއެމް ފަދަ ކުންފުނިތަކުގެ އޮފީސްތައް ވެސް، ޓެކްސަސްގެ ވެރިރަށް، އޯސްޓިންގައި ގާއިމްކޮށްފައިވެ އެވެ.
ޓެކްސަސް އަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެއް ޑޭޓާ ސެންޓަރެވެ.
މިހާރުވެސް އެޕަލްގެ 6200 މުވައްޒަފުން އޯސްޓިންގައި މަސައްކަތް ކުރެ އެވެ. އާ ކެމްޕަސްގައި 5000 މުވައްޒަފުން ވަޒީފާ އަދާކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ކެމްޕަސް ހަދަނީ 133 އޭކަރު ބިމެއްގަ އެވެ. ތަން ޑިޒައިންކުރަނީ 15000 މީހުންގެ ކެޕޭސިޓީއަށެވެ.
އާ ކެމްޕަސްގައި އިންޖިނިއަރުންނަށާއި ރިސާޗް ޑިވެލޮޕްމެންޓްގެ އިތުރުން ސޭލްސް ޑިވިޝަންގެ މުވައްޒަތުން ހަރަކާތްތެރިވާނެ އެވެ.
އެޕަލް އިން ނިންމާފައި ވަނީ އެމެރިކާގެ އެހެން ބައެއް ސިޓީތަކުގައި ވެސް އެކުންފުނީގެ ސައިޓްތައް ތަރައްގީ ކުރާށެވެ. އެޕަލް އިން އިއުލާންކުރި ގޮތުގައި 2023 ވަނަ އަހަރާ ހަމައަށް 20،000 އާ ވަޒީފާ އެމެރިކާގައި އުފައްދާނެ އެވެ. އެ ކުންފުނީގައި މިހާރު 90،000 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.