16 ޑިސެމްބަރ 2018 - 10:33

މެޑްރިޑް (ޑިސެމްބަރު 16) – ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ގާތްކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް މޮޅުވީ ރަޔޯ ވަޔެކާނޯ އަތުން 1-0 އިންނެވެ. ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް މޮޅުވީ ރެއާލް ވަލަލޮޑިޑް އަތުން 3-2 އިންނެވެ.
ބާސެލޯނާ އެއް މެޗު މަދުން ކުޅެ އެއް ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ އިން މިހާރު ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ބާސެލޯނާ އޮތީ މާކުރީގަ އެވެ. އަދި ރެއާލް މެޑްރިޑް ވަނީ 29 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް އަރައިފަ އެވެ. މިރޭ ލެވަންޓޭ އަތުން މޮޅުވެގެން ބާސެލޯނާ އަށް އަނެއްކާ ފެޔަށް ޖެހިލެވޭނެ އެވެ. އަނެއްކޮޅުން 28 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ސެވިއްޔާ މިއަދު ޖިރޯނާ އަތުން މޮޅުވެގެން ދެ ވަނަ އަށް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 3-0 އިން ބަލިވެ ރެއާލް މެޑްރިޑަށް ކުރިމަތިވި ހިތްދަތިކަން ރޭ ފިލުވައިލަން އެ ޓީމަށް ލަނޑު ޖަހައިދިނީ ކަރިމް ބެންޒެމާ އެވެ. އެކަމަކު އެ ޓީމުން ދެއްކި ކުޅުމާ މެދު ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
"ދެ ވަނަ ހާފުގައި އަހަރެމެންނަށް އިތުރު ލަނޑުތަކެއް ޖެހުނީސް. ފަހުކޮޅު އެ ޓީމުން ފޮނުވާލި ހަމަލާ ފިޔަވައި އެހެން އެއްޗެއް އިދިކޮޅު ޓީމުގެ ފަރާތުން ނުފެނޭ،" ރެއާލް މެޑްރިޑުގެ ކޯޗު ސެންޓިއާގޯ ސޮލާރީ ބުންޏެވެ.
ރޭ ވަޔަޑޮލިޑް އަތުން އެތުލެޓިކޯ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ނިކޮލާ ކަލިނިޗާއި އެންޓޮއިން ގްރިޒްމަންގެ ގޯލްތަކުން އެ ޓީމު ލީޑު ނެގި އެވެ. ދެ ވަނަ ހާފުގައި ވަޔަޑޮލިޑުން ފަހަތުން އަރައި އެއްވަރުކޮށްފައިވަނިކޮށް އެތުލެޓިކޯ މޮޅުވީ 80 ވަނަ މިނެޓުގައި ގްރިޒްމަން ޖެހި ލަނޑުންނެވެ.