16 ޑިސެމްބަރ 2018 - 11:01

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުުފުޅުގައި މިއަދު އިންޑިއާ އަށް ފުރާ ވަޑައިގެންފި އެވެ.

އިންޑިއާ އަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދެއްވި ބަޔާނެއްގައި ރައީސް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މިއީ ވަރަށް ކާމިޔާބު ދަތުރަކަށް ވާނެ ކަމަށް. އަދި މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ދަތުރުފުޅުގައި ކުރައްވަން ހަމަޖެހިފައިވާ މައިގަނޑު ގިނަ ކަންތައްތައް ރައީސްގެ ބަޔާނުގައި ވިދާޅުވެ ދެއްވި އެވެ. އެގޮތުން ދެ ގައުމުން ސޮއިކުރަން ހަމަޖެހިފައިވާ މުހިއްމު ބައެއް އެއްބަސްވުންތައް ފާހަގަ ކުރެއްވި އެވެ. ރައީސްގެ ދަތުރުފުޅުގައި އިންޑިއާއާ ރާއްޖެއިން ސޮއިކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިސާގެ ކަންތައްތައް މިހާރަށް ވުރެ ލުއިފަސޭހަކުރުމުގެ އެއްބަސްވުން ހިމެނެ އެވެ.
"އެ އެއްބަސްވުމުގައި ސޮއިކުރުމުން ޑިޕެންޑެންޓް ވިސާ ހޯދުމާއި ބޭސްފަރުވާކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ. މީގެ އިތުރުން ވެސް ވިސާގެ އެތައް ލުއިތަކެއް މިދަތުރުގައި ސޮއިކުރާ އެއްބަސްވުުމުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރަން ހަމަޖެހިފައިވާ އެހެން ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާއާ ދިފާއީ ދާއިރާ ހިމެނެ އެވެ. ރައީސްގެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާ މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ މުހިއްމު އަނެއް ކަމަކީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގައި އިންޑިއާއިން ރާއްޖެ އަށް އެހީތެރިވެދިނުމެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ލިބިވަަޑައިގަންނަވާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންޑިއާގައި ދިރިއުޅޭ އައިލާތަކާ ބައްދަލުކޮށް ހާލު އޮޅުންފިލުވުމުގެ ފުރުސަތު ލިބުން ކަމަށެވެ.
"އިރާދަކުރެއްވިޔާ އަޅުގަނޑު އެ އާއިލާތަކާ ބައްްދަލުކޮށް، އެ ބޭފުޅުންނަށް ދަތިވާ ކަންތަައްތައް އޮޅުންފިލުވާނަން،" އެމަނިކުފާނު ވިދާޅުވިއެެވެ.
އިންޑިއާ އަށް ފުރާވަޑައިގެންނެވުމަށް ރައީސް އެއާޕޯޓަށް ވަޑއިގެންނެވުމުން ނައިބު ރައީސާއި ބައެއް މިނިސްޓަރުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވި އެވެ.