19 އޯގަސްޓް 2016 - 06:38

ދެހާހުގެ އަހަރުތައް ފެށިގެން އައި އިރު، ރާއްޖޭގައި ހުރި އެންމެ ބިޒީ އަދި އެންމެ މަޝްހޫރު އެކްޓަރަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އޭނާ ލައްވައި ފިލްމުތައް ކުޅުވުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތިބީ ކިއޫ ހަދައިގެންނެވެ.

"މަޖުބޫރު ލޯބި" އިން ފިލްމް ކުޅެން ފެށި ޔޫއްޕެއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ފިލްމްތައް ކުޅެ، ޑައިރެކްޓް ވެސް ކޮށް، ގިނަ އެވޯޑްތަކެއް ހޯދައިފައިވާ އެކްޓަރެކެވެ.

އެކަމަކު މި ފަހަކަށް އައިސް ޔޫއްޕެ ފިލްމުތަކުން ފެނުން ވަރަށް ބޮޑަށް މަދުވި އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ 2014 ގައި ރިލީޒް ކުރި "24 ގަޑި އިރު" އިންނެވެ.

އޭގެ ފަހުން ޔޫއްޕެގެ އެއްވެސް ފިލްމެއް ސްކްރީނަކަށް ނާދެ އެވެ. އަނެއްކޮޅުން، ފިލްމީ ދާއިރާ އާ ދުރަށް ޖެހިލާ ވާހަކަ ޔޫއްޕެ ދޭތެރެއަކުން ދައްކާތީ ސްކްރީނުން އޭނާ ގެއްލުނީހެން ވެސް ހީވެ އެވެ.
އެކަމަކު އެހެންނެއް ނޫނެވެ. ވަރަށް އަވަހަށް ރިލީޒް ވާން ޔޫއްޕެގެ ތިން ފިލްމެއް އެބަ އޮތެވެ.
ފިލްމީ މަސައްކަތުގައި މި ދުވަސްކޮޅު ޔޫއްޕެ ވަރަށް ބިޒީ އެވެ. އޭނާ މިހާރު ހުރީ ކުޅެން ލިބޭ ރޯލްތަކާ ދޭތެރޭ ހިތްހަމަޖެހޭ ނަމަ، ކުރިއަށް ދާން ނިންމައިގެންނެވެ. ފިލްމީ މަސައްކަތްތަކަށް ހުސްވެގެންނެވެ.
"ކޮންމެހެން ލީޑް ރޯލެއް ކުޅެން މުހިއްމެއް ނޫން. ސަޕޯޓިން ރޯލަކަށް ވިޔަސް، ހިތްހަމަޖެހޭ ކަހަލަ ރޯލެއް ވެއްޖިއްޔާ ކުޅެން ތައްޔާރަށް މިހާރު މިހިރީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
ޔޫއްޕެ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމުތަކަކީ ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމް "4426" އާއި މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ ލޯބީގެ ފިލްމް "ނޭދެން ވަކިވާކަށް" ގެ އިތުރުން ޔޫއްޕެ ޑައިރެކްޓްކޮށް އެކްޓް ކުރާ ކޮމެޑީ ފިލްމް "ބައިވެރިޔާ" ގަ އެވެ.
"މި ތިން ފިލްމަށް ބަލާ ކަމަށް ވަންޏާ ވަރަށް ތަފާތު ރޯލްތަކުން ފެނިގެން ދާނީ. ފޯފޯޓޫސިކްސްއަކީ ބިރުވެރި ސީރިއަސް ފިލްމެއް. ނޭދެން ވަކިވާކަށްގައި ފެނިގެން ދާނީ ލޯބީގެ އެކަމަކު ވަރަށް ހަރުކަށި މީހެއްގެ ރޯލުން،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަ ވެސް ކުޅެފައިވާ ޔޫއްޕެ ބުންޏެވެ. "ދެން ބައިވެރިޔާއަކީ މުޅިން ތަފާތު ޖޯންރާއެއް. ކޮމެޑީއެއް ގެނެސް ދޭން ކުރަން މި ޖެހުނު ތަޖުރިބާ ވަރަށް ރަނގަޅު. އަހަރެން ބުނާނީ ފިލްމީ ދާއިރާ އަށް އަނެއްކާ ވެސް އާ ރަހައެއްގެ ފިލްމެކޭ ފެނިގެން ދާނީ."
ޔޫއްޕެ ބުނީ އެއް އިރެއްގައި ވެސް އޭނާ ފިލްމީ ދާއިރާ އާ މުޅިން ދުރަކަށް ނުދާ ކަމަށެވެ. އައިހާ ވެސް ބަދަލަކީ ކެމެރާ ކުރިމަތީގައި އެކްޓް ކުރަން އިސްކަން ދިނުމަށް ވުރެ ފިލްމު އުފެއްދުމުގެ މަސައްކަތަށް އިސްކަން ދިނުމެވެ. ޑައިރެކްޝަން ހެދުމާއި ސްކްރީންޕްލޭ ލިޔުން ފަދަ ކަންކަމުގައި ޔޫއްޕެ އަބަދު ވެސް ހަރަކާތްތެރިވެ އެވެ.
އޭނާ ބުނީ ސްކްރީނާ ތަންކޮޅެއް ދުރަށް ދާން ޖެހުނީ ކުޅެފައި ހުރި ގިނަ ފިލްމުތަކެއް އަދިވެސް ރިލީޒް ނުވެ ހުރުމުން ކަމަށެވެ.
"ހިތަށް އެރީ އެ އެއްޗެހި ރިލީޒް ނުވާ ކަމަށްވަންޏާ ފުނި ޖައްސަން ޕްރޮޖެކްޓްތައް ނެގުމުގެ ބޭނުމެއް ނެތޭ،" ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމް "ފަތިސް ހަނދުވަރުގެ ފެށުން" ވެސް ކުޅުނު އެކްޓަރު ބުންޏެވެ. "އެހެންވެ ސްކްރީނުން ނުފެނި ދުވަސްތަކެއް މެދުކެނޑިގެން ދިޔައީ."
ރިލީޒް ނުވެ ހުރި ޔޫއްޕެގެ ފިލްމުތަކަށް ބަލާއިރު އިންތިހާ، ގިލަން، ވީބޭވަފާ އަދި ރޫހް ފާހަގަކޮށްލެވެ އެވެ.
މިހާރު މަސައްކަތް ކުރަމުން އަންނަ ތިން ފިލްމުގެ އިތުރަށް އިތުރު ދެ ފިލްމަކަށް ސޮއި ކުރަން ވެސް ޔޫއްޕެ އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ޑާކް ރެއިން އެންޓަޓައިންމަޓްގެ "މަންމަ" އަކީ ވެސް އޭނާ އެއްބަސްވެފައި އޮތް ފިލްމެކެވެ.
އަދި އިސްމީލް ޝަފީގާއި މުހައްމަދު ފައިސަލާ ގުޅިގެން އުފައްދާފައިވާ ސްޓޫޑިއޯ އެންވިޝަން އެންޓަޓައިންމަޓުން އިތުރު ދެ ފިލްމެއްގެ މަސައްކަތް ފެށުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ.
އޭގެ ތެރެއިން އެކައްޗަކީ 2011 ގައި ޔޫއްޕެ ފުލުހެއްގެ ރޯލުން ފެނިގެން ދިޔަ "އިންސާފު" ގެ ދެވަނަ ބައެވެ.
އަނެއް ފިލްމަކީ ގިނަ އަދަދަކަށް އާ އެކްޓަރުން ފިލްމީ ދާއިރާ އަށް ނެރޭ ފިލްމެކެވެ. އެ ފިލްމް އަންނަ ނޮވެމްބަރު މަހު ލޯންޗް ކުރާނެ އެވެ. އެހެންވެ އޭގެ ތަފުސީލަކަށް އަދި ދެވެން ނެތް ކަމަށް ޔޫއްޕެ ބުންޏެވެ.
"އިންސާފުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ ބޮޑު ޗުއްޓީ ތެރޭގައި ފެށޭތޯ މި ބަލަނީ،" އޭނާ ބުންޏެވެ.
ޔޫއްޕެގެ ފޭނުންނަށް އޭނާ ދޭން އޮތް ހަބަރަކީ ފިލްމީ ދާއިރާ އިން ނުގެއްލޭނެ ވާހަކަ އެވެ. އޭނާ އަބަދުވެސް ބެލުންތެރިންގެ ހިތް އުފާކޮށް ދޭނެ އެވެ.
"އެކަމަކު ބޮޑަށް މިހާރު ކުރިއަށް ދާން ބޭނުން ވަނީ ޑައިރެކްޝަން ދާއިރާ އިން،" ޔޫއްޕެ ބުންޏެވެ.