17 ޑިސެމްބަރ 2018 - 08:15

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި ޒުވާން އެކްޓަރުންގެ ތެރެއިން ރާޖްކުމާރު ރާއޯއަކީ ކުޅޭ ކޮންމެ ފިލްމަކުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ތަރިއެކެވެ. އަދި އޭނާ އަށް މި ފަހުން އަންނަނީ ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއިންނާ އެކު ވެސް ސްކްރީން ހިއްސާ ކުރަން ފުރުސަތު ލިބެމުންނެވެ.
އައިޝްވާރިޔާ ރާއީ އާއި ޝްރަދާ ކަޕޫރާއި ސޯނަމް ކަޕޫރާއި ކިރިތީ ސެނަން ފަދަ ބަތަލާއިންނާ އެކު ފިލްމުތައް ކުޅެން ފުރުސަތު ލިބިފައިވާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރާޖް ދެން މާ ލަސްތަކެއް ނުވެ ދީޕިކާ ޕަދްކޯންއާ އެކު ވެސް ފެނިގެން ހިނގައި ދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ ބަތަލާގެ ރޯލް ކުޅޭ މެގްނާ ގުލްޒާރުގެ އާ ފިލްމުގެ ބަތަލުގެ ރޯލް ވަނީ ރާޖް އަށް ހުށަހަޅައިފަ އެވެ. މިއީ އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ބައޮގްރަފިކަލް ޑްރާމާ އެވެ.
ދީޕިކާ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ މި ފިލްމުގެ ބަތަލުގެ ރޯލް ރާޖް އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި އެ ފިލްމުގެ ޓީމުން ޔަގީންކޮށެއް ނުދެ އެވެ. އެކަމަކު ބޮލީވުޑް ލައިފުން ބުނީ މެގްނާގެ ފިލްމަށް ބޭނުންވަނީ ތަންކޮޅެއް "އަންކޮންވެންޝަނަލް" އެކްޓަރެއް ކަމަށާއި ރާޖް އެއަށް ބަރާބަރަށް ފިޓްވާ ކަމަށެވެ.
އޭނާ މީގެ ކުރިން ވަނީ ދީޕިކާއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ވަަރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ ޔަގީނުން ވެސް އެފަދަ ފުރުސަތެއް ރާޖް ދޫކޮށެއް ނުލާނެ އެވެ. އަދި ދީޕިކާ ވަނީ ރާޖްގެ އެކްޓިން އޭނާ އަށް ވަރަށް ކަމުދާ ކަމަށް ބުނެފަ އެވެ.
ލަކްޝްމީގެ ބައޮޕިކްގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، އަންނަ އަހަރު ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެ ބަތަލު ރާޖްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސޯނަމްއާ އެކު ކުޅެފައިވާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އާއި ކަންގަނާ ރަނާވަތާ އެކު ކުޅެފައިވާ "މެންޓަލް ހޭ ކިޔާ" އާއި މޯނީ ރޯއިއާ އެކު ފެނިގެންދާ "މޭޑް އިން ޗައިނާ" ގެ އިތުރުން ނުޝްރަތު ބަޗޫރާއާ އެކު ކުޅޭ "ތުއްރަމް ހާން" ފާހަގަކޮށްލެވެ އެވެ.