ޖީސީސީ އަކީ ދަތް ނެތް ޖަމިއްޔާއެއް: ގަތަރު
ޖީސީސީ އަކީ ދަތް ނެތް ޖަމިއްޔާއެއް: ގަތަރު

ދޯހާ (ޑިސެމްބަރު 16) - ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އަކީ މައްސަލަތައް ހައްލު ކުރުމުގެ ގާބިލްކަން ލިބިފައި ނުވާ "ދަތް ނެތް ޖަމިއްޔާއެއްގެ" ގެ ގޮތުގައި ގަތަރުން ސިފަކޮށްފި އެވެ.

ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ސާނީ ވިދާޅުވީ ޖީސީސީގައި ހުރި ގަވާއިދުތައް ތަންފީޒް ކުރެވި އެ ޖަމާއަތަށް އިސްލާހީ ބަދަލުތަކެއް ގެނެވިއްޖެ ނަމަ ގަލްފުގެ މައްސަލަތައް ހައްލު ކުރެވިދާނެ ކަމަށެވެ.

ދޯހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ވިދާޅުވީ ޖީސީސީގައި އޮންނަ މެކޭނިޒަމްގެ ބޭނުން ވެސް ނުކުރެވޭ ކަމަށާއި ގަވާއިދުތަކާއި ގާނޫނުތައް ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަން މަތީ ބޭނުން ކުރެވޭނެކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.

ގަތަރާ ދެކޮޅަށް ޖޫން 2017 ގައި ވަނީ ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން ދަތިކުރުމުގެ ފިޔަވަޅު އަޅައި ސިޔާސީ ގުޅުންތައް ކަނޑާލައިފަ އެވެ.

ބަހުރޭން، ކުވޭތު، އޮމާން، ގަތަރު، ސައުދީ އަރަބިއާ އަދި ޔޫއޭއީ ހިމެނޭ ޖަމާއަތް އުފެއްދީ 1981 ވަނަ އަހަރު އެވެ.