16 ޑިސެމްބަރ 2018 - 10:14

އަންކަރާ (ޑިސެމްބަރު 16) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ ހަގީގަތް ހޯދާފައި ނޫނީ ތުރުކީން ހުއްޓާނުލާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު މެލްވުތު ކަވުސޮގްލޫ ވިދާޅުވެއްޖެ އެވެ.
"ތަހުގީގުގައި ސައުދީގެ ފަޅިން އާ އެއްވެސް މައުލޫމާތެއް ނުލިބޭ،" ގަތަރުގައި ބޭއްވި ކޮންފަރެންސެއްގެ ތެރޭން ކަވުސޮގްލީ ވިދާޅުވި އެވެ. "މިކަން ތުރުކީން ހުއްޓައެއް ނުލާނަން. ވަކިކޮޅެއްގައި ޖެހެންދެން ކުރިއަށް ދާނަން."
އޮކްޓޯބަރު 2 ވަނަ ދުވަހު މަރާލި ނޫސްވެރިޔާގެ މަރުގެ ހަގީގަތް ހޯދަން އދ.ގެ އެހީ ހޯދަން ޖެހިދާނެ ކަމަށް ކަވުސޮގްލީ މިމަހު ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.
އުމުރުން 59 އަހަރުގެ ޚާޝުގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ. ތުުރުކީން ތުހުމަތު ކުރަނީ އޭނާ މަރާލީ ސައުދީން ދިޔަ 15 މީހުންގެ ޓީމަކުން ކަމަށެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ ނޫސްވެރިޔާ މަރާލަން އެންގީ ޝާހީ އާއިލާގެ އެންމެ މަތިން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއީ ރަސްގެފާން ސަލްމާންއާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.