15 ޑިސެމްބަރ 2018 - 22:55

ޅ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އެފްއެޗް ފައުންޑޭޝަނުން އެ ރަށުގައި އެޅި ޒަމާނީ ފެންވަރުގެ ޓާފް ދަނޑު އިއްޔެ ހުޅުވައިފި އެވެ.

އެ ދަނޑުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝިޔާމްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒާއި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ޣަނީ އަދި ސިނަފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނައީމް ބައިވެރިވެވަޑައިގެންނެވި އެވެ. ދަނޑުގެ އިތުރުން އެފްއެޗް ޔޫތު އެކަޑެމީ ވެސް އިއްޔެ ވަނީ ހުޅުވައިފަ އެވެ.
ދަނޑު ހުޅުވައިދެއްވީ ކަނުހުރާ މޯލްޑިވްސް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކްލެންސީ ރޯމިއޯ އެވެ. އެ ރިސޯޓުން ވަނީ ދަނޑު އެޅުމުގެ މަސައްކަތުގެ ހަރަދުގެ 60 ޕަސެންޓް ދީފަ އެވެ.
ޝިޔާމް "މިހާރު" އަށް ވިދާޅުވީ ކަނުހުރާގެ އިތުރުން ސިނަފާއި ރަށު ރައްޔިތުންނާއި އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ފެންވަރު ރަނގަޅު ޓާފު ދަނޑެއް އަޅާފައިވާ ކަމަށެވެ. އެއީ އުތުރުގެ ހިސާބުުތަކުގައި އޮތް އެންމެ ފުރިހަަމަ ފުޓްބޯޅަ ދަނޑަށް ވެސް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ރޭގަނޑު ވެސް ކުޅެވޭ ގޮތަށް ލައިޓް އެއްޗެހި ހަރުކޮށްފައި ހުރި ފެންވަރު ރަނގަޅު ދަނޑެއް. ނައިފަރުގެ ފުޓްބޯޅައިގެ މުސްތަގުބަލު ދެން ކުރަހާނީ އެ ދަނޑުން އިރާދަކުރެއްވިއްޔާ. ވަރަށް ބޮޑު ހުވަފެނެއް މި ހަގީގަތަކަށް ވެގެންދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުޓްބޯޅަ އަށް ނައިފަރުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ހުޅުވި އެކަޑެމީން ހިލޭ ތަމްރީނުތައް ދޭނެ ކަމަށެވެ. އެ ތަމްރީނުތަކުގައި ބައިވެރިވުމަށް އެ ރަށުގައި ހުންނަ އެފްއެޗް ފައުންޑޭޝަންގެ އޮފީހުން މިހާރު ފޯމު ދޫކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި، އައުޓްޑޯ ކުޅިވަރު ކުޅޭނެ މަލްޓިޕާޕަސް ކޯޓެއް އެ ރަށުގައި އަޅަން ނިންމާފައިވާ ކަމަށް ޝިޔާމް ވަނީ އިއްޔެ އިއުލާނުކުރައްވައިފަ އެވެ.
އެފްއެޗް ނިސްބަތްވަނީ ޝިޔާމްގެ މަންމަ ފާތިމަތު ހަސަންގެ ނަމަށެވެ. މީގެ ފަސް އަހަރު ކުރިން އުފެއްދި ޖަމިއްޔާއިން އަންނަނީ ނައިފަރުގެ ތަރައްގީގެ އިތުރުން ރާއްޖޭގެ ތައުލީމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނައިފަރު ސްކޫލުގެ 50 ޕަސެންޓު ކްލާސްރޫމް އެފްއެޗް ފައުންޑޭޝަނުން ޑިޖިޓައިޒްކޮށްފައިވާއިރު އިމާދުއްދީން ސްކޫލަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.