15 ޑިސެމްބަރ 2018 - 20:49

ތިން މިނިސްޓްރީއަކަށް އިތުރު ތިން ސްޓޭޓް މިނިސްޓަރުންނާއި އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައިޝަތު މުހަންމަދު ދީދީ މިރޭ އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހު ދައުރު ޖެންޑާ މިނިސްޓަރު ކަން ކުރެއްވި އައިޝަތު މުހަންމަދު ދީދީ (އައިޝާ) އައްޔަން ކުރައްވައި ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި، އިންޑިއާގެ ސަފީރަކަށް އައްޔަން ކުރެއްވި އައިޝާ އަށް ވަނީ މި މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންް ދީފަ އެވެ. އޭނާ އިންޑިއާގެ ސަފީރުކަމަށް އައްޔަން ކުރެއްވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި މާދަމާ އެ ގައުމަށް ފުރާވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން، ތިން މިނިސްޓްރީއަކަށް ތިން ސްޓޭޓް މިނިސްޓަރުން ވެސް ވަނީ އައްޔަން ކޮށްފަ އެވެ. އެެއީ މިނިސްޓަ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒްގެ މަގާމަށް ފުވައްމުލަކު ސިޓީ ދިގުވާނޑު، ނޫރުވާދީ، އަލީ ނަޒީރާއި، މިނިސްޓަ އޮފް ސްޓޭޓް ފޯ ފިނޭންސްގެ މަގާމަށް، ގ. އަލިޝާ އަހުމަދު ޝަރީފާއި، މިނިސްޓަ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމަށް، މ. އުނިމާ އަހުމަދު އާދިލް އެވެ.

އަލީ ނަޒީރަކީ އަދާލަތު ޕާޓީގެ ސްޕޯކްސް ޕާސަން އެވެ. ޝަރީފަކީ އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އެވެ. އާދިލް އަކީ ކުރީގެ ހާއްސަ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެކެވެ.