15 ޑިސެމްބަރ 2018 - 19:49

ރާއްޖޭގައި ބޭނުންކުރަމުން އަންނަ އިންޑިޔާގެ ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން މީގެ ކުރީގެ ދެ ސަރުކާރުން ވަނީ އާކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށެވެ. އަދި އެ އެއްބަސްވުން 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އަދި 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ސަރުކާރުން ވަނީ އާކޮށްފައި ކަމަށް ވެސް ބުންޏެވެ.
ދެ ވަނަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރު ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ދިވެހި ސިފައިން ތަމްރީނު ކުރެވެންދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ.
ރާއްޖެ އާއި އިންޑިއާގެ އަސްކަރީ އަދި ސަލާމަތީ ބާރުތަކުގެ މެދުގައި އޮންނަ ގުޅުމަކީ މުހިންމު އެއް ތަނބު ކަމަށާއި ދެ ގައުމު ގުޅިގެން ހިންގާ ތަމްރީނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓާ ކުރުން ފަދަ އޮޕަރޭޝަންތައް ހިންގަމުން އަންނަތާ މިހާރު ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް ވެސް ބުންޏެވެ.
އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެކަން ބަދަލުކޮށް ހެލިކޮޕްޓަރުތައް ފޮނުވާނުލަން ނިންމައިފަ އެވެ.
ދެ ހެލިކޮފްޓަރު ވަނީ ކުއްލި ހާލަތުގައި 151 ބަލި މީހުން އުފުލައި އަދި ސާޗް އެންޑް ރެސްކިއުގެ 50 އޮޕަރޭޝަނެއްގައި ބޭނުންކޮށްފައިކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރި އެވެ.