15 ޑިސެމްބަރ 2018 - 18:45

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ބުނެ ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނެއްގައިވަނީ ބުނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ތަހުގީގު ބޭނުމަށްޓަކައި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް ބުންޏެވެ.
ފްރީޒުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެވެ.
މައްސަލައިގެ ތަހުގީގަށް ޔާމީން ހާޒިރުކޮށް ކުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަަށް ފުލުހުން ބުންޏެވެ.
ޔާމީން ފުލުހަށް ހާޒިރުކުރީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާތަކެއް ޖަމާވި މައްސަލައިގަ އެވެ.
މި މައްސަލައިގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ ކެމްޕޭން އެކައުންޓަކީ ގާނޫނު ބުނާ ގޮތުން 400 މިލިއަން ރުފިޔާއާ ހަމައަށް ޖަމާކުރެވޭ އެކައުންޓެއް ކަމަށާއި އޭގައި ހުންނާނެ ކަމަށް ބެލެވެނީ ވިއްސަކަށް މިލިއަން ރުފިޔާ ކަމަށެވެ. އަދި ވިދާޅުވީ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ އެމަނިކުފާނު ނޫން ކަމަށާއި އަނެއް ކެންޑިޑޭޓް ހަރަދު ކުރީ ކިހާ ފައިސާއެއްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
ޔާމީންގެ ވަކީލު އަދި ކުރީ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ އެއީ އިންތިހާބާ ބެހޭ އާންމު ގާނޫނުތަކުން ޑިކްލެއާ ކޮށްފައިވާ އެކައުންޓެއް ކަމަށާއި އެ އެކައުންޓަކީ 2013ގެ އިންތިހާބުގައި ވެސް ޔާމީންގެ ކެމްޕޭންގައި ބޭނުން ކުރައްވާފައިވާ އެކައުންޓް ކަމަށެވެ.
ފުލުހުން ފްރީޒް ކުރި 100 މިލިއަން ރުފިޔާގެ ތެރެއިން ކެމްޕޭން އެކައުންޓްގައި ހުރީ ކިހާ ފައިސާއެއްކަން ވަކިން ބުނެފައެއް ނުވެ އެވެ.
ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްޗަށް "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓަރީ ހެދި އަލް ޖަޒީރާއިން އޭރު ފެތުރި ޚަބަރުގައި ބުނެފައި ވަނީ، އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ދެ ބުރެއްގެ މަތިން 1.5 މިލިއަން ޑޮލަރު، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.