16 ޑިސެމްބަރ 2018 - 06:21

ފިލްމީ މަސައްކަތުގައި ބިޒީވެގެން ވަގުތު ދެވެން ނެތުމުން ފިލްމު އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއައި) ގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދިން އެކްޓަރު އަނޫޕަމް ކޭރްގެ ބަދަލުގައި އެފްޓީއައިއިގެ ރައީސް އަދި ޗެއާމަންގެ މަގާމަށް ބްރިޖެންދުރަ ސިންގް ޕަލް ސިންގް (ބީޕީ ސިންގް) އައްޔަންކޮށްފި އެވެ.
އޭނާއަކީ އިންޑިއާގެ މަޝްހޫރު ޓީވީ ޗެނެލް ސޮނީން ޝޯ "ސީއައިޑީ" ގެ ޕްރޮޑިއުސަރެވެ.
އެފްޓީއައިއިގެ ގަވަނިން ކައުންސިލަށް ބީޕީ ސިންގް، އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން ހަމަޖެއްސީ މި މަހުގެ 13 ގަ އެވެ. އަދި މަގާމަށް އޭނާ ހަމަޖެއްސުމާ އެކު، އެފްޓީއައިއައި އިން ވަނީ މަރުހަބާ ކިޔައި ޓްވީޓް ވެސް ކޮށްފަ އެވެ.
ބީޕީ ސިންގް މަގާމަށް އައްޔަން ކުރީ ތިން އަހަރުގެ ދައުރަކަށެވެ. އޭނާގެ ރަސްމީ މަސައްކަތުގެ ދައުރު ފެށޭނީ އަންނަ މާޗް 4 ވަނަ ދުވަހު އެވެ.
އެފްޓީއައިއައިގެ ގަވަނިން ކައުންސިލުން ބޮލީވުޑާއި ހޮލީވުޑްގައި ވެސް މަސައްކަތް ކުރާ އަނޫޕަމް އިސްތިއުފާ ދިނީ މިދިޔަ އޮކްޓޯބަރު 31 ވަނަ ދުވަހު އެވެ.
އެފްޓީއައިއައިގެ ޗެއާމަންގެ މަގާމަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު އައްޔަން ކުރީ އޮކްޓޯބަރު، 11، 2017 ގަ އެވެ.