ގާނޫނުގެ ބާރު އެންމެންނަށް ހިނގާނެ، ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ: އިމްރާން
ގާނޫނުގެ ބާރު އެންމެންނަށް ހިނގާނެ، ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ: އިމްރާން

ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށާއި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފައި ވަނިކޮށެވެ. ޔާމީން ފުލުހަށް ހާޒިރުކުރަނީ ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި މާލިއްޔަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަކީ އަމާޒެއް ކަމަށެވެ. ވަކި ބޭފުޅަކަށް ނިސްބަތް ނުކުރައްވައި، އިމްރާންގެ ޓްވީޓްގައިވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށެވެ.

"ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ. ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ. ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ." އިމްރާންގެ ޓްވީޓްގަ އެވެ.

ޔާމީން ފުލުހަށް މިއަދު ހާޒިރު ކުރާއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. ޔާމީން ފުލުހަށް ހާޒިރު ކުރާނީ މިއަދު 2:00 އަށެވެ.