15 ޑިސެމްބަރ 2018 - 11:09

މެކްސިކޯ (ޑިސެމްބަރު 15) - މެކްސިކޯގެ ރިޔާސީ ގަނޑުވަރުގެ ދޮރުތައް އާ ރައީސް އަންދުރޭސް މެނުއަލް ލޮޕޭޒް އާއްމުންނަށް ހުޅުވާލައިފި އެވެ.
ވެރި ކަމަށް ވަޑައިގަތުމަށް ފަހު ރައީސް އޮބްރާޑޯ ވަނީ ރިޔާސީ ގަނޑުވަރާއި ރައީސްގެ އޮފީހަކީ ކަލްޗަރަލް ސެންޓަރަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ރިޔާސީ ގަނޑުވަރު އާއްމުންނަށް ހުޅުވާލުމަކީ އޮބްރާޑޯ ހެޔޮ ނިޔަތުގައި ކުރެއްވި ކަމެއްކަން މެކްސިކޯގެ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ. ބައެއް މީހުން ގަބޫލް ކުރަނީ އެއީ އާއްމުންގެ ސަމާލުކަން ހޯއްދަވަން ކުރެއްވި ކަމެއް ކަމަށެވެ. ގަނޑުވަރު އާއްމުންނަށް ހުޅުވާލުމާ އެކު އެތައް ބަޔަކު ވަނީ ކިޔޫ ޖެހިފަ އެވެ.
ރައީސް އޮބްރާޑޯ ވަނީ ރައީސްކަމުގައި ލިބިވަޑައިގަންނަވާ އިނާޔަތްތައް ދޫކޮށްލަން ވެސް ނިންމަވައިފަ އެވެ. އޭނާ ވިދާޅުވީ ކުށެއް ކޮށްފި ނަމަ އާދައިގެ ރައްޔިތެކޭ އެއްގޮތަށް ރައީސްގެ މައްޗަށް ވެސް ދައުވާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލް ވަރަށް އަވަހަށް ކޮންގްރެސް އަށް ފޮނުވާނެ ކަމަށެވެ. އަދި އޮބްރާޑޯ ވަނީ އޭނާގެ މުސާރަ ވެސް 60 ޕަސެންޓް ކުޑަކޮށްފަ އެވެ.
މި މަހު ކުރީކޮޅު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ލޮޕޭޒްް، 65، ވަނީ ގައުމުން ކޮރަޕްޝަން ނައްތާލައި އިންގިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.