16 ޑިސެމްބަރ 2018 - 06:22

ބޮލީވުޑްގެ ތަރިން މިހާރު ވެބް ސީރީޒްތަކަށް ވެސް ފޯކަސް ކުރަމުން އަންނަ އިރު، އަނެއްކާވެސް މަޝްހޫރު ތަރިއަކު އޭގެ މަސައްކަތެއްގައި ސޮއިކޮށްފި އެވެ.
މި އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސް ދިން "ބުރީތު" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން މީގެ ދެވަނަ ސީޒަނެއް ގެނެސް ދިނުމުގެ މަސައްކަތުގައި އަބީޝެކް ބައްޗަން ވަނީ އޭގެ މުހިންމު ރޯލަކަށް ސޮއިކޮށްފަ އެވެ.
މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީގެ ފިރިމީހާ އަދި ސުޕަސްޓާ އަމީތާބް ބައްޗަންގެ ދަރިފުޅު އަބީޝެކަށް މިހާރު މާ ރަނގަޅު ފިލްމުތަކެއް ނުލިބެ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ސެޕްޓެމްބަރުގައި ރިލީޒްކޮށް އެވްރެޖް ވިޔަފާރިއެއް ކުރި "މަންމަރުޒިޔާން" އިންނެވެ.
އަބީޝެކް މިހާރު އަންނަނީ އަނޫރާގް ބާސޫ ޑައިރެކްޓް ކުރާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
"ބުރީތު" ގެ ދެވަނަ ސީޒަނަށް އޭނާ ސޮއިކުރި އިރު، އައިޝްވާރިޔާއާ އެކު ކުޅޭ ފިލްމު "ގުލާބޫ ޖާމޫ" އަށް ވެސް އަބީޝެކް ވަނީ ސޮއިކޮށްފަ އެވެ.
މަޔަންކް ޝަރުމާ ޑައިރެކްޓް ކުރާ "ބުރީތު" ގެ ދެވަނަ ސީޒަނުން އަބީޝެކާ އެކު، ފުރަތަމަ ސީޒަނުގައި މުހިއްމު ރޯލެއް ކުޅުނު އަމިތު ސާތު ވެސް ފެންނާނެ އެވެ. އަށް އެޕިސޯޑް ގެނެސް ދިން "ބުރީތު" ގެ ކާސްޓުންގެ ތެރޭގައި އާރް މަދަވަން، ސަޕްނާ ޕައްބީ، ނީނާ ކުލްކަރުނީ އަދި ރިޝިކޭޝް ޖޯޝީ ފަދަ ތަރުން ހިމެނެ އެވެ.
މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމު "ސެޓާސް" އަންނަ މާޗް 1 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މިއީ "ޖޯޅީ ބްރޭކާޒް" އާއި "ދޫޕް" ފަދަ ފިލްމުތައް ގެނެސް ދިން އަޝްވިނީ ޗައުދަރީ ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ކާސްޓުންނަކީ އަފްތާބް ޝިވްދަސާނީ، ޝްރެޔަސް ތަލްޕަޅޭ، ސޮނާލީ ސޭގަލް، އިޝިތާ ދައްތާ، ޕަވަން މަލްއުތުރާ އަދި ވިޖޭ ރާޖް އެވެ.
"ސެޓާސް" ގެ ޕްރޮޑިއުސަރަކީ ވިކާޝް މާނީ އެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެނެސް ދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަން ކައިވެނިކޮށްފި އެވެ.
ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް އުފެއްދި ދިނޭޝް ކައިވެނިކުރީ ދުބާއީގައި ދިރިއުޅޭ ރިއަލް ސްޓޭޓް އެޖެންޓެއް ކަމަށްވާ ޕުރަމީތާ ތަންވަރުއާ އެވެ. މާ ގޮތްގަނޑު ބޮޑުނުކޮށް މުމްބާއީގައި ބޭއްވި ކައިވެނި ހަފުލާގައި ވަރަށް ގިނަ ފިލްމީ ތަރިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ރަވީނާ ޓަންޑަން، ކިރިތީ ސެނަން، ކާތިކް އާރިޔަން، ޝުރަދާ ކަޕޫރު އަދި ވަރުން ދަވަން ފަދަ ތަރިން ހިމެނެ އެވެ.
"ކޮކްޓެއިލް" އާއި "ހިންދީ މީޑިއަމް" ވެސް އުފެއްދި ދިނޭޝް ދެން އެންމެ އަވަހަށް ބެލުންތެރިނަށް ގެނެސް ދޭނީ އަންނަ މާޗް 1 ގައި ރިލީޒް ކުރާ "ލުއްކާ ޗުއްޕީ" އެވެ.
މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ ދެންވެސް ކުޅޭނީ ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށް މިއޮތީ އެ ފިލްމުގެ އެންމެ ފަހުގެ ވާހަކަތަކެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައިި އަޔޫޝްގެ ދެވަނަ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ ހިންދީ ރިމެކެވެ. މި ފިލްމުގެ ރައިޓްސް ސަލްމާން ގަނެފައިވާ އިރު، ހިންދީ ރިމެކްގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
"މުލްޝީ ޕެޓާން" އަކީ އިންޑިއާގެ ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ބިނާކޮށް ޕްރަވިން ވިއްތަލް ތަރުދޭ ޑައިރެކްޓް ކުރި ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އަޔޫޝް ވަނީ ސަންޖޭ ދަތާ އެކު ކުޅޭ ގޭންގްސްޓާ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރުގައި ރިލީޒް ކުރި އޭނާގެ އަލަތު ފިލްމު "ލަވް ޔާތުރީ" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.