އިޒްރޭލުގެ ވެރިރަށަކީ ހުޅަނގު ގުދުސް: އޮސްޓްރޭލިއާ
އިޒްރޭލުގެ ވެރިރަށަކީ ހުޅަނގު ގުދުސް: އޮސްޓްރޭލިއާ

ސިޑްނީ (ޑިސެމްބަރު 15) - އިޒްރޭލުގެ ވެރިރަށަކީ ހުޅަނގު ގުދުސް ކަމަށް އޮސްޓްރޭލިއާ އިން ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

ނަމަވެސް އޮސްޓްރޭލިއާ އެމްބަސީ ތެލް އަވީވް އިން ގުދުސް އަށް ބަދަލު ކުރާނީ މެދުއިރުމައްޗަށް ސުލްހަ ހޯދުމުން ކަމަށް ވިދާޅުވި އެވެ. އަދި އިރުމަތީ ގުދުސް އަކީ ވެރިރަށުގެ ގޮތުގައި ދައުލަތެއް އުފެއްދުމަށް ފަލަސްތީން މީހުން ކުރާ އުއްމީދުތައް އޮސްޓްރޭލިއާ އިން ބަލައިގަންނަ ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ.

"އޮސްޓްރޭލިއާ އިން ގަބޫލް ކުރަނީ އިޒްރޭލުގެ ވެރިރަށަށް ވާން ޖެހޭނީ ހުޅަނގު ގުދުސް ކަމަށް. އެކަމަކު އޮސްޓްރޭލިއާ އެމްބަސީ ތެލް އަވީވް އިން ހުޅަނގު ގުދުސް އަށް ބަދަލު ކުރާނީ އެއީ އަމަލީ ގޮތުން ކުރަން ފަސޭހަ ކަމަކަށްވެ އެކަމަށް ފުރުސަތު ލިބުމުން،" ސިޑްނީގައި ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލު އޮކްޓޯބަރު މަހު މޮރިސަން އެންމެ ފުރަތަމަ އިއުލާން ކުރުމުން ފަލަސްތީނުން ވަނީ ފާޑު ކިޔައިފަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ފަހުކޮޅު އިއުލާން ކުރުމުން މުޅި ދުނިޔޭގެ ނުރުހުން އަމާޒުވި އެވެ. އެމެރިކާ އެމްބަސީ ތެލް އަވީވް އިން ގުދުސް އަށް ބަދަލު ކުރީ މި އަހަރުގެ މެއި މަހު އެވެ.

އެމެރިކާ އަށް ފަހު ވަނީ ގުއަޓަމާލާ އާއި ޕެރަގުއާއީ އިން ވެސް އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ޕެރަގުއޭގެ ސަރުކާރު ބަދަލުވުމުން އެ ގައުމުގެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.