"ތައިމޫރު" ގެ ނަމުގައި ފިލްމެއް ހަދަން ނަން ރަޖިސްޓްރީކޮށްފި
"ތައިމޫރު" ގެ ނަމުގައި ފިލްމެއް ހަދަން ނަން ރަޖިސްޓްރީކޮށްފި

ބޮލީވުޑްގެ ބައެއް ސެލެބްރިޓީން ސިފަކުރާ ގޮތުގައި ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ މަޝްހޫރު ހާނަކީ ތައިމޫރު އަލީ ހާން ޕަޓޯޑީ އެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މިހާރު އުމުރުން ދެ އަހަރު ވެފައިވާ ތައިމޫރު ވިހޭ ފަހުން އޭނާ އަށް މީޑިއާގެ ސަމާލުކަން ލިބި، ތައިމޫރުގެ ކޮންމެވެސް ވާހަކައެއް މީޑިއާތަކުގެ ސުރުހީތަކަށް ނާރާ ދުވަހެއް ނާދެ އެވެ.

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅަަށް ނިސްބަތްކޮށް ދާދި ފަހުން ވަނީ ކުޅޭކުޅޭ ބުދު ވެސް ހަދައި ބާޒާރަށް ނެރެފަ އެވެ. ތައިމޫރާ ބެހޭ އެންމެ ފަހުގެ ހަބަރަކީ އެ ނަމުގައި ފިލްމެއް ހަދަން އުޅޭ ވާހަކަ އެވެ.

މުމްބާއީ މިރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިމޫރުގެ މަންމަ ކަރީނާ ބަތަލާގެ ރޯލް ކުޅުނު "ހިރޮއިން" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު މަދޫރު ބަންޑާކަރު ވަނީ "ތައިމޫރު" ގެ ނަމުގައި ފިލްމެއް ހަދަން ނަން ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު އެކަމާ ބެހޭ އެއްވެސް ތަފުސީލެއް މަދޫރު އަދި ނުދެ އެވެ. ސުވާލަކީ ތައިމޫރުގެ ނަމުގައި އޭނާ ހަދަން އުޅެނީ ކޮން ކަހަލަ ފިލްމެއްތޯ އެވެ؟

މަދޫރު މަޝްހޫރުވެފައި ވަނީ އަންހެނުންނަށް ހާއްސަ އަދި އަންހެނުންގެ ވާހަކަތައް ކިޔައިދޭ ފިލްމު ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން ފިރިހެން ނަމެއް ރަޖިސްޓްރީކޮށްގެން އޭނާ މި ފަހަރު ފިރިހެނެއްގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދެނީތޯ ބަލައިލަން ގިނަ ބަޔަކު މިހާރު ތިބީ ބޭނުންވެފަ އެވެ.

ސްޓާ ވޯލްޑް އިން މިހާރު ގެނެސްދޭ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަނުގައި ރަންވީރު ސިންގް ބުނީ އޭނާ މިހާރު އެންމެ ބޮޑަށް އެކީގައި ފިލްމެއް ކުޅެލަން ބޭނުންވާ ހާނަކީ ތައިމޫރު ކަމަށެވެ. އެހެންވެ މަދޫރު ހަދަން އުޅޭ ފިލްމުން ރަންވީރަށް ފުރުސަތެއް ދީފި ނަމަ އެ ވެސް ވާނީ ވަރަށް ޝައުގުވެރި ކަމަކަށް ދޯ އެވެ؟

"ފެޝަން" އާއި "ޗާންދުނީ ބާ" ފަދަ ފިލްމުތައް ހަދައިގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މަދޫރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ، 2015ގައި، "ކެލެންޑާ ގާލްސް" އެވެ.