18 ޑިސެމްބަރ 2018 - 07:37

މިހާރު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ސެކަންޑް އެކްޓް" އަކީ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި މި ފިލްމަކީ ޑްރީމް ޕްރޮޖެކްޓެއް ކަމަށް ޖެނިލާ ލޮފޭޒް ބުނެފި އެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު ލޮޕޭޒްގެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މީގެ ކުރިން "އެނަކޮންޑާ" އާއި "މެއިޑް އިން މެންހަޓަން" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުނީ "ސެކަންޑް އެކްޓް" އަކީ ބެލުންތެރިން ގަޔާވާނެ ގިނަ ރަހަތަކެއް އެކުލެވޭނެ ފިލްމެއް ކަމަށެވެ. އޭނާ ބުނީ ވަކިން ހާއްސަކޮށް މި ފިލްމުގެ މިއުޒިކްގެ ޖާދޫގައި ބެލުންތެރިން ޖެހޭނެ ކަމަށާއި ފިލްމުގައި ހިމެނޭ ލަވަ "ލިމިޓްލެސް" ވަރަށް ހާއްސަ ވާނެ ކަމަށެވެ.
އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ ސިއާ ހަދާފައިވާ ލަވައެކެވެ. "ސެކަންޑް އެކްޓް" އިން "ލިމިޓްލެސް" ފެނިގެންދާ ލަވަ ޑައިރެކްޓްކޮށްފައި ވަނީ ލޮޕޭޒެވެ.
"އަދި އަހަރެންގެ އަންހެން ދަރިފުޅު ލަވައިން ފެނިގެން ދާނެ،" ވެރައިޓީ އަށް އޭނާ ބުންޏެވެ. "ސެކަންޑް އެކްޓްއަކީ އަހަރެންގެ ކެރިއަރުގެ ވަރަށް ހާއްސަ ޑްރީމް ޕްރޮޖެކްޓެއް. އަހަރެން މިހާރު މި ހުންނަނީ މި ފިލްމު ބެލުންތެރިންނަށް ދައްކާލަން ކެތްމަދުވެފައި."
"ސެކަންޑް އެކްޓް" އަކީ "އެންގާ މެނޭޖްމަންޓް" ފަދަ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން ޕީޓާ ސޭގަލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި ކިޔައި ދޭނީ ކުޑަ މުސާރައެއް ލިބޭ ވަޒީފާއެއް އަދާ ކުރަމުން ދިޔަ އަންހެނަކަށް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިލަން ލިބޭ ކަހަލަ ފުރުސަތެއް ފަހިވުމުން ދިމާވާ ހާދިސާތަކެވެ.