18 ޑިސެމްބަރ 2018 - 07:38

ރަންވީރު ސިންގާއި އާލިއާ ބަޓް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ގަލީ ބޯއި" އަންނަ އަހަރު ބާއްވާ 69 ވަނަ ބާލިން އިންޓަނޭޝަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ފިލްމަކީ ޒޯޔާ އަހުތަރު ޑައިރެކްޓްކޮށް، އަންނަ ފެބުރުއަރީ މަހުގެ 14 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. ބީއައިއެފްއެފްފައި "ގަލީ ބޯއި" ޕްރިމިއާ ކުރާނީ އެ ފެސްޓިވަލްގެ ކޮމްޕެޓިޝަން އެންޑް ބާލިނޭލް ސްޕެޝަލް ސެކްޝަންގަ އެވެ. އެ ފުރުސަތު ދީފައި ވަނީ ނުވަ ފިލްމަކަށެވެ. ފެސްޓިވަލް ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 7-17 އަށެވެ.
ބިއައިއެފްއެފްގައި "ގަލީ ބޯއި" ޕްރިމިއާ ކުރަން ފުރުސަތު ލިބުމުން މި ފިލްމުގެ ޓީމުން އެކަން ފާހަގަކޮށް، ވަނީ ޓްވީޓްކޮށްފަ އެވެ.
ޒޯޔާ ޑައިރެކްޓްކޮށްފައިވާ ހަ ވަނަ ފިލްމުގައި ކިޔައި ދޭނީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ރެޕުން ކަމަށްވާ ވިވިއަން ފެނަންޑޭޒް (ޑިވައިން) އާއި ނާވިދު ޝެއިހް (ނައޭޒީ) ގެ ވާހަކަ އެވެ.
"ގަލީ ބޯއި" ގެ ޝޫޓިން މިދިޔަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާ އިރު، ކާސްޓުންގެ ތެރޭގައި ކަލްކީ ކޮޗްލިން، އާކާޝް ތޯސަރު އަދި ކުބްރާ ސައިތު ހިމެނެ އެވެ.
ޒިންދަގީ ނާ މިލޭގީ ދޮބާރާ (2011) އާއި ދިލް ދަޅަލް ނޭ ނޯ (2015) ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޒޯޔާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ އޭނާ ޑައިރެކްޓްކޮށްފައިވާ ސެގްމަންޓެއް ހިމެނޭ ނެޓްފްލިކްސް އިން ޖޫން މަހު ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އެވެ.
ޒޯޔާއަކީ މަޝްހޫރު ޅެންވެރިޔާ ޖާވިދުގެ އަހްތަރުގެ އަންހެން ދަރިފުޅެވެ. އަދި އޭނާއަކީ "ދިލް ޗާހަތާ ހޭ" އާއި "ޑޮން" ފަދަ ފިިލްމުތައް ގެނެސް ދިން ޑައިރެކްޓަރު/އެކްޓަރު/ލަވަކިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ފަރުހާން އަހްތަރުގެ ދައްތަ އެވެ.
"ގަލީ ބޯއި" އަކީ "ދިލް ދަޅަކް ނޭ ދޯ" އަށް ފަހު ޒޯޔާއާ އެކު ރަންވީރު މަސައްކަތް ކުރި ދެވަނަ ފިލްމެވެ. އަދި މި ފިލްމުގައި ރަންވީރު ފެނިގެން ދާނީ ވަރަށް ހިކިކޮށެވެ. އާލިއާ މި ފިލްމުގައި ހުންނާނީ ބުރުގާ އަޅައިގެންނެވެ.