15 ޑިސެމްބަރ 2018 - 10:52

ލަންޑަން (ޑިސެމްބަރު 15) - ބޯންމައުތަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމު ފޯވާޑް ކަލުމް ވިލްސަން އަށް ބިޑްކުރަން ޗެލްސީން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޗެލްސީގައި މި ވަގުތު ތިބި ދެ ފޯވާޑުން ކަމަށްވާ އޮލިވިއޭ ޖިރޫޑާއި އަލްވާރޯ މޮރާޓާއާ މެދު އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ އެންމެ ހިތްހަމަ ނުޖެހެ އެވެ. މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އާއި އިންޓަގެ މައުރޯ އިކާޑީ ހޯދަން ވެސް ޗެލްސީން މަސައްކަތްކުރި އެވެ.
މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ޗެލްސީ ކުޅުނު މެޗުތަކުގައި މޮރާޓާ އާއި ޖިރޫޑްގެ ފަރާތުން ސާރީ އެންމެ ބޭނުންވާ ކުޅުން ނުފެންނަ ކަމަށް އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފަ އެވެ. އަދި ފަހަކަށް އައިސް ބޮޑެތި މެޗުތަކުގައި ޗެލްސީން އެންމެ ކުރިއަށް ބޭނުންކުރީ އެޑެން ހަޒާޑް އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ވިލްސަން އަށް ބިޑްކުރަން ނިންމީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު ޖިއަންފްރާންކޯ ޒޯލާގެ ލަފާގެ މަތިންނެވެ. އެއީ ސާރީ ބޭނުންވާ ފޯވާޑެއް ޖެނުއަރީގައި ލިބުމުގެ ފުރުސަތު ކުޑަވުމުންނެވެ. މި ފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް އަށް ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ވިލްސަން އަށް ދާދި ފަހުން ވަނީ އިންގްލެންޑް ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފަ އެވެ.
އުމުރުން 26 އަހަރުގެ ވިލްސަން ދާދި ފަހުން ދިން އިންޓަވިއުއެއްގައިވަނީ ބޮޑު ޓީމަކުން ހުށަހެޅުމެއް ލިބިއްޖެނަމަ ކްލަބް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށް ބުނެފަ އެވެ. އެއީ ގައުމީ ޓީމުގެ ޖާގަ ދެމެހެއްޓޭނީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ކުޅެގެން ކަމަށްވާތީ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރާޓާ އަންނަނީ ބާސެލޯނާ އަށް ބަދަލުވުމަށް މަސައްކަތްކުރަމުންނެވެ. ބާސެލޯނާ ކުޅުންތެރިން ވެސް ވަނީ މޮރާޓާ އަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. ޗެލްސީން މަސައްކަތްކުރަނީ މޮރާޓާ ނޫނީ ޖިރޫޑް ތެރެއިން އެއް ކުޅުންތެރިއަކު ދޫކޮށްލުމަށް ފަހު 30 މިލިއަން ޕައުންޑަށް ވިލްސަން ގަންނާށެވެ.