14 ޑިސެމްބަރ 2018 - 22:03

ހުޅަނގު އައްސޭރި (ޑިސެމްބަރު 14) - ހުޅަނގު އައްސޭރިން ފަލަސްތީނުގެ ގިނަ ބަޔަކު އިޒްރޭލް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ފަލަސްތީނުގެ މީޑިއާތަކުން ވެސް ބުނެފައި ވަނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަމާސްގެ ގިނަ ބަޔަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރަކު ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލް ސިފައިން ބުނެފައި ވަނީ ހުޅަނގު އައްސޭރިން 40 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭން 37 މީހުންނަކީ ހަމާސްއާ ގުޅުން އޮންނަ މީހުން ކަމަށް ވަނީ ބުނެފަ އެވެ.
އިޒްރޭލް ސިފައިން މިހާރު ވަނީ ރާމުﷲ ބަންދުކޮށްފަ އެވެ. އިޒްރޭލުން އެ ގޮތަށް އަމަލުކޮށްފައި ވަނީ ފަލަސްތީނުގެ ބަޔަކު ދިން ހަމަލާގައި އިޒްރޭލް ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެންނެވެ.
ހަމާސްގެ އޮފިޝަލުން ބުނެފައި ވަނީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ އެ ޖަމާއަތުގެ 70 އަށް ވުރ ގިނަ މީހުން އިޒްރޭލް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށެވެ.