ނިއުގެ ޑިފެންސް ލައިނަށް އަނިޔާގެ ހިޔަނިއެޅިފައި
ނިއުގެ ޑިފެންސް ލައިނަށް އަނިޔާގެ ހިޔަނިއެޅިފައި

ނިއު ރޭޑިއަންޓްގެ ފަހަތަށް ކުޅޭ ހަތަރު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކެއް ދިމާވެ، ބައެއް ކުޅުންތެރިން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އީގަލްސްއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި އެ ޓީމުގެ ފަހަތަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ރަޝީދު (ހޮކޭ) އާއި ވެލިޗްކޯ މިޓްކޯވް އަދި ސެގުން މައިކަލް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. ހޮކޭގެ ކޮޑު ހުޅަށް އަނިޔާވިއިރު، މައިކަލް އާއި ވެލިޗްކޯގެ ފަޔަށް ވަނީ އަނިޔާވެފަ އެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން ލީގުގައި އިއްޔެ ބީޖީ ސްޕޯޓްސް އަތުން ބަލިވި މެޗުގައި އަނިޔާގެ ސަބަބުން އަހުމަދު ނުހާދު ވެސް ނުކުޅެ އެވެ.

"ވެލިޗްކޯ އާއި މައިކަލް އަދި ހޮކޭގެ އަނިޔާ ސީރިއަސް. މި ތިން ކުޅުންތެރިންނަށް އަވަހަށް ކުޅުމަށް އާދެވޭނެ ކަމަށް ނުބެލެވޭ. އެކަމަކު ނުހާދު އަށް ތަންކޮޅެއް އަވަހަށް ކުޅުމަށް އެނބުރި އާދެވޭނެ. ވެލެންސިއާ މެޗަށް ފަހު ކަމަށް މި ބަލަނީ،" ނިއުގެ މެނޭޖަރު އަމީން ފައިސަލް ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ނިއު ވަރުގަދަ ސްކޮޑަކާ އެކު ނިއުއިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ޓީމަކީ ފާއިތުވި ހަތަރު އަހަރުގެ ލީގު ޗެމްޕިއަނުންނެވެ. ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން، ނިއު އަށް މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބް ދޫކޮށް ދިއުމުން އެ ޓީމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވިއިރު، ނިއު މި ވަގުތު އޮތީ ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެ ޓީމަށް މި ފަހަރު ލީގުގައި މޮޅުވެވުނީ ހަތަރު މެޗުންނެވެ.