14 ޑިސެމްބަރ 2018 - 21:28

ކޮލަމްބޯ (ޑިސެމްބަރު 14) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން މަހިންދާ ރާޖަޕަކްސާ މާދަމާ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅު އިސްތިއުފާ ދެއްވަނީ ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކަމަށެވެ. ރާޖަޕަކްސާ އިސްތިއުފާ ދެއްވާނީ ގައުމާ މުޚާތަބް ކުރައްވާ ދެއްވާ ތަގްރީރަކަށް ފަހު އެވެ.
ރާޖަޕަކްސާ އަށް ވަފާތެރި މެންބަރެއް ކަމަށްވާ ލަކްޝްމަން ޔާޕާ އަބޭވަރްދަނާ ވިދާޅުވީ ކުރީގެ ރައީސް އިސްތިއުފާ ދެއްވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާއާ މަޝްވަރާ ކުރެއްވުމަށް ފަހު އާ ބޮޑު ވަޒީރަކު އައްޔަން ކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިގެން ނޫނީ އެހެން ބޮޑު ވަޒީރެއް އިޚްތިޔާރެއް ނުކުރެވޭނެ. ބަޖެޓެއް ނެތި ގައުމެއް ނުހިންގޭނެ. މި އަހަރު ނިމުމުގެ ކުރިން އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން ޖެހޭ،" އަބޭވަރްދަނާ ވިދާޅުވި އެވެ.
ލަންކާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ޕާލަމެންޓް އުވާލުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ނިންމައިފަ އެވެ. އަދި ޖެނުއަރީ 5 ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އިންތިޚާބު ވެސް ސުޕްރީމް ކޯޓުން ވަނީ ކެންސަލް ކޮށްފަ އެވެ.
ސިރިސޭނާ ވެސް ވިދާޅުވެފައި ވަނީ އަންނަ ހޯމަ ދުވަހު އާ ބޮޑު ވަޒީރަކު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ބޮޑު ވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަސިންހަ އަށް އެ މަގާމު ދެން ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ބޮޑު ވަޒީރު ކަމުން ރަނިލް ދުރުކޮށް އެ މާގަމަށް ކުރީގެ ރައީސް ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ޕާލަމެންޓް އުވާލިތާ ހަތަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޕާލަމެންޓުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.