15 ޑިސެމްބަރ 2018 - 08:26

ލޯތްބާ ޖެހިއްޖެ ނަމަ މީހާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. ލޯތްބަކީ އެހާ ވެސް ބާރު ގަދަ އެއްޗެކޭ ބުނަނީ މިކަހަލަ ކިތަންމެ ސަބަބަކާ ހެދި އެވެ. ޗައިނާގެ އުމުރުން 26 އަހަރުގެ ޒުވާނަކަށް ވެސް މި ވަނީ އަންހެނެއް ދެކެ ފުރަތަމަ ނަޒަރުން ލޯބިވެވި، އޭގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހިފަ އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި މި ޒުވާނާ އަށް ފުރަތަމަ ނަޒަރުން ލޯބިވެވުނީ ބެއިޖިންގެ ފޮތް ވިއްކާ މަޝްހޫރު ފިހާރަ ވަންގްފުޖިންގުން މިދިޔަ ސެޕްޓެމްބަރު މަހު ފެނުނު އަންހެނެއް ދެކެ އެވެ. ފަހު ނަމަކަށް ސަން ކިޔާ މި ޒުވާނާއާ ބެހޭ ގޮތުން މީޑިއާތަކުން ބުނީ އަންހެން މީހާ ދެކެ، ފިރިހެން މީހާ އަށް ލޯބިވެވުނީ ހަތަރުކަޅި ހަމަކޮށްލަން ލިބުނު އެންމެ 10 ސިކުންތުގެ ތެރޭގައި ކަމަށެވެ.
މި ޖާދުވީ ހިނދުކޮޅާ އެކު ކާކުކަން ވެސް ނޭނގޭ މީހާ ދެކެ ލޯބިވެވި، ޒުވާނާ ވަނީ އަންހެން މީހާއާ އަލުން ފޮތް ފިހާރަ އިން ބައްދަލުވޭތޯ އޭނާގެ ވަޒީފާ ދޫކޮށް އެ ފިހާރައިގައި 50 ދުވަސް ހޭދަކޮށްފަ އެވެ. ފިހާރަ ހުޅުވާ ގަޑިން ފެށިގެން ގޮސް އެތަން ބަންދު ކުރަންދެން މި ޒުވާނާ އަންހެން މީހާ އަލުން ފެންނާނެ ކަމުގެ އިންތިޒާރުގައި ހުރި ކަމަށް މީޑިއާތަކުން ބުންޏެވެ.
މީޑިއާތަކުން ބުނި ގޮތުގައި އެ އަންހެން މީހާގެ ސޫރަ އަމިއްލަ އަށް ކުރަހައިގެން ފިރިހެން މީހާ ވަނީ ބެއިޖިންގެ އެހެން ފޮތް ފިހާރަތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ވެސް އަތްފުނާ އަޅައިފަ އެވެ.
"އަހަރެން ބޭނުން ވަނީ އޭނާ އަލުން ދެކިލަން. އޭނަ ފެނުނު ފަހުން އެ ނޫން ކަމަކާ ދޭތެރޭ އަހަންނަކަށް ނުވިސްނޭ. އެކަމަކު އޭނަ އަހަރެން ދެކެ ލޯބި ވާނެ ކަމެއް އަދި އަހަންނަށް ޝައުގުވެރި ވާނެ ކަމެއް ވެސް ނޭނގޭ،" ސަން ބުންޏެވެ. "އެހެން ވިޔަސް މިކަމަށް ވަގުތު ދޭން ވަޒީފާ ދޫކޮށްލަން ޖެހުމަކުން ވެސް ދެރައެއް ނުވޭ."
ހިތްދަތި ހަބަރަކީ ވަޒީފާ ދޫކޮށްލައި އަންހެން މީހާ އަލުން ފެނޭތޯ 50 ދުވަސް ގުރުބާންކޮށްގެން ވެސް، ސަންގެ ހިތަށް ތަސައްލީއެއް ނުލިބުނު ކަމެވެ. އެހެންވެ އެ އަންހެން މީހާ "ޖަޒުބާތީ ގޮތުން އޭނާ ހަލާކުކޮށްލި" ކަމަށް ބުނެ ސަން ވަނީ ކޯޓަށް ވެސް ގޮސްފަ އެވެ. ކޯޓުން ވަނީ އޭނާގެ މައްސަލަ ބަލައިނުގެންފަ އެވެ. ސަބަބަކީ އެ ބުނާ އަންހެން މީހާގެ ނަން ވެސް ކުޑަމިނުން ސަން އަށް ނޭނގޭ ކަމެވެ.
"އެކަމަކު އަދިވެސް އޭނަ ފެނޭތޯ ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން،" އޭނާ ބުންޏެވެ.
ސަންގެ ވާހަކަ މީޑިއާތަކުގައި ގެނެސް ދިނުމުން ސޯޝަލް މީޑިއާގައި ބައެއް އަންހެނުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެގޮތުން "ތިއީ މޮޔަވެފައި ހުރި ސިކް މީހެއް ކަމަށް" ބުނެ ކޮމެންޓްކޮށްފައިވެ އެވެ.