14 ޑިސެމްބަރ 2018 - 16:23

ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "އެކްސަސައިޒް އެކުވެރިން" ގައި ބައިވެރިވާ އިންޑިއާގެ ސިފައިން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދާ ތަމްރީންތަކުގައި ދެ ގައުމުގެ ތަޖުރިބާކާރުން ކިޔަވައިދޭއިރު، ތަމްރީންތަކުގައި އިންޑިއާގެ 45 ސިފައިން ބައިވެރިވާނެ ކަމަށެވެ.

މި ތަމްރީނަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަ ޓެރަރިޒަމާއި ދެ ގައުއުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޅ. މާފިލާފުށީގައި ކުރިއަށް ގެންދާނީ ވޯޓަ ބޯން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނުތަކާއި އަސްކަރީ ތަމްރީނުތައް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރުން ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތައް ކުރިއަށް ދާނެ ކަމަށެވެ.
މި ތަމްރީންތަކަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ތަމްރީންތަކެކެވެ. އެގޮތުން، މިދިޔަ އަހަރު ތަމްރީންތައް ކުރިއަށް ދިޔައީ އިންޑިއާގަ އެވެ.
ތަމްރީންތަކެއްގައި ބައިވެރިވުމަށް އިންޑިއާ ސިފައިން ރާއްޖެ އައިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު ގުޅުމެއް ބާއްވަމުން މިހާރު އަންނަނީ އިންޑިއާއާ އެވެ. އެގޮތުން، އަންނަ އާދިއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގަންނަވާނެ އެވެ. މިއީ މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެ އެވެ.