ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފަރުވާއަކަށް ކެފީން
ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފަރުވާއަކަށް ކެފީން

އަލަށް އުފަންވާ ތުއްތުކުދިންނަށް ކެފީން ދިނުމަކީ އާދަޔާޚިލާފު ކަމެކޭ ހީވެދާނެ އެވެ. ނަމަވެސް ދުވަސް ނުފުރާ ވިހާ ކުދިން ހެދިބޮޑުވުމަށް ބާރުއެޅުމުގެ ގޮތުން ކެފީން ތެރަޕީ ދިނުމަކީ ޑޮކްޓަރުން ކޮށް އުޅޭ ކަމެކެވެ. އެކަމަކު އާއްމުކޮށް އެ ގޮތަށް ކެފީން ދެނީ ކުއްޖާ އުފަންވާތާ ދުވަސްތަކެއް ފަހުންނެވެ.

މިހާރު، ކެނެޑާގެ ދިރާސާވެރިންތަކެއް ބުނާގޮތުގައި އެފަދަ ކުދިން އުފަންވާތާ ގަޑިއިރުތަކެއް ނުވަތަ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ކެފީން ދިނުމުން ފައިދާ ބޮޑުވާނެ އެވެ. އަދި ދިގު މުއްދަތުގައި އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ އެވެ. އެއީ އުފަންވާތާ ދުވަސްތަކެއް ފަހުން ކެފީން ދިނުމާ އަޅާކިޔާރު އެވެ.

"ޕީޑިއެޓްރިކްސް" ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވާސިޓީ އޮފް ކެލްގެރީ ކަމިން ސްކޫލް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރު އަބޭ ލޯދާ ވިދާޅުވިގޮތުގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ފުއްޕާމޭ ފުރިހަމައަށް އުފެދި ނިމިފައި ނުހުންނާތީ ކުޑަ ވަގުތުކޮޅަކަށް ނޭވާ ލުމަށް ފަހު ނޭވާ ހުއްޓިދެ އެވެ. އަދި މެޝިން ބޭނުންކޮށްގެން ނޭވާ ލައްވަން ޖެހި ދުވަސްތަކަކާއި މަސްތަކެއް ވެސް ހޭދަވެދާނެ އެވެ.

މާ އަވަހަށް އުފަންވާ ކުދިން ވެންޓިލޭޓަރުގައި ބޭތިއްބުމަކީ ފުރާނަ ސަލާމަތްކޮށްދޭ ކަމަކަށް ވިޔަސް އޭގެ ސަބަބުން ކުދިންގެ ފުއްޕާމޭގެ ނާޒުކު ޓިޝޫތަކަށް ގެއްލުން ލިބި ދާއިމަށް ލަކުނު ލުން ނުވަތަ ބަލިވުމުގެ ނުރައްކާ އޮވެ އެވެ. ކެފީން ބޭނުންކުރަނީ އެކަމުގެ ހައްލެއްގެ ގޮތުންނެވެ.

ލޯދާ ފާހަގަކުރެއްވި ގޮތުގައި ތުއްތުކުދިންގެ އައިސީޔޫގައި އެންޓިބަޔޮޓިކްސް ފިޔަވައި އެންމެ ގިނައިން ބޭނުންކުރާ ބޭހަކީ ކެފީން އެވެ. އަދި އާ ދިރާސާގެ އަލީގައި އޭނާ ވިދާޅުވީ ކެފީން ތެރަޕީ ދިނުން އަވަސްކުރި ވަރަކަށް ފައިދާ ބޮޑު ކަމަށެވެ.

މީގެ ކުރިން، 2014ގައި ލޯދާ ޝާއިއުކުރެއްވި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އުފަންވާތާ ދެ ދުވަސް ތެރޭގައި ކެފީން ތެރަޕީ ދޭ ކުދިން ވެންޓިލޭޓަރުގައި ބައިތިއްބަން ޖެހޭ މުއްދަތު ކުރެވެ. އަދި އޭގެ ސަބަބުން، އެހާ ޅަ އިރު ވެންޓިލޭޓަރު ގުޅުމުން ފުއްޕާމެ އަށް ލިބޭ ދިގު މުއްދަތުގެ ގެއްލުންތަކުން ސަލާމަތްވެ އެވެ.

ލޯދާ ވިދާޅުވިގޮތުގައި ކެފީންއަކީ ނިއުރޯންއެއްގައި ހުންނަ، ސިކުނޑީގެ އެހެން ސެލްތަކާ މުއާމަލާތުކުރަން އެހީތެރިވެދޭ ކުދިކުދި ގޮފިތައް ނުވަތަ ޑެންޑްރައިޓްސް ހެދިބޮޑުވުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ބެލެވެ އެވެ. އަދި ކެފީންއަކީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފުއްޕާމޭގެ ދެމުމާއި ފުފުން ރަނގަޅުކޮށްދީ ކުއްޖާގެ ހިތުން ލޭ ޕަމްޕުކުރުމާއި ލޭގެ ޕްރެޝަރު ރަނގަޅުކޮށްދޭ އެއްޗެއް ކަމަށް ވެސް ބެލެވޭ އިރު އޭގެ ސަބަބުން ހަށިގަނޑަށާއި ސިކުނޑި އަށް އޮކްސިޖަން ފޮނުވައިދިނުން ރަނގަޅުވެގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކެފީން ދިނުމަކީ މާ އަވަހަށް ވިހާ ކުދިންނަށް ކުރު މުއްދަތުގައި ރަނގަޅު ކަމަކަށް ވިޔަސް، ދިގު މުއްދަތުގައި އެއިން ކުރާ އަސަރުތައް މީގެ ކުރިން މާ ބޮޑަކަށް އެނގިފައެއް ނުވެ އެވެ. ޚާއްސަ ގޮތެއްގައި، އެހާ ޅަ އިރު ކެފީން ދިނުމުން އެފަދަ ތުއްތުކުދިންގެ ސިކުނޑި ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށްފާނެތީ ރިސާޗަރުން ތިބީ ކަންބޮޑުވެފަ އެވެ.

ލޯދާ އިސްކޮށް ހުންނަވައިގެން ހެދި އާ ދިރާސާގައި ވަނީ ތުއްތު އިރު ކެފީންގެ ފަރުވާ ދީފައިވާ އެތަކެއް ހާސް ކުޑަކުދިންގެ ހާލަތު، އެ ކުދިންގެ އުމުރުން 18 މަހާއި 24 މަހާ ދެމެދުގައި، ބަލައިފަ އެވެ. ކެނެޑާގެ އެކި ހިސާބުތަކުގެ ސިއްހީ ޚިދުމަތް ދޭ އެކި ތަންތަނުން ފަރުވާ ދީފައިވާ އެ ކުދިންގެ ބަސްމޮށުންތެރިކަމާއި ވިސްނުންތެރިކަމާއި ޖިސްމާނީ ކުޅެދުންތެރިކަން ހުރި ގޮތް ވަޒަންކުރި އިރު ރިސާޗަރުންނަށް އެނގުނީ އެ ކުދިންގެ ސިކުނޑި ހެދިބޮޑުވުމަށް ނޭދެވޭ އަސަރެއް ކޮށްފައި ނެތް ކަމެވެ. އަދި އުފަންވިތާ ކުޑަ ދުވަސްކޮޅެއް ތެރޭ ކެފީން ދީފައިވާ ކުދިން، އެއަށް ވުރެ ލަހުން ކެފީން ދިން ކުދިންނަށް ވުރެ ވިސްނުންތެރިކަން ވެސް ފާހަގަކުރެވުނެވެ.

އެކަމަކު ލޯދާ ފާހަގަކުރެއްވި ގޮތުގައި މީގެ މާނައަކީ ސިއްހަތު ރަނގަޅު ތުއްތުކުދިންނަށް ކެފީން ދޭން ވާނެއެކޭ ނޫނެވެ.

"ކެފީން ދޭން ވާނީ ދުވަސް ނުފުރާ އުފަންވުމަށް ފަހު ނޭވާ ލުމުގައި މައްސަލަތައް ދިމާވާ ތުއްތުކުދިންނަށް. އެ ހާލަތުގައި ކެފީންއަކީ ވަރަށް ރަނގަޅު އެއްޗެއް. އެކަމަކު ދުވަސް ފުރާ ވިހާފައިވާ ކުދިންނަށް ކެފީން ދޭކަށް އަޅުގަނޑުމެންނަށް އިރުޝާދެއް ނުދެވޭނެ. އެފަދަ ކުދިންނަށް ކެފީން ބޭނުމެއް ނުވޭ. އަދި އޭގެ ސަބަބުން ނިދި ގެއްލުމާއި ހިތުގެ ހިނގުން އަވަސްވުން ފަދަ ސައިޑް އިފެކްޓްތައް ވެސް ކުރިމަތިވެދާނެ،" އޭނާ ވިދާޅުވި އެވެ.