14 ޑިސެމްބަރ 2018 - 10:02

ހާޓް އެޓޭކެއް ޖެހޭ މަންޒަރު ގިނަ ބަޔަކަށް ސިފަވާނީ މެއަށް އަރާ ވަރުގަދަ ތަދެއްގެ ގޮތުގަ އެވެ. ފިރިހެނުންނަށް ހާޓް އެޓޭކެއް ޖެހޭ އިރު އާއްމުގޮތެއްގައި ފެންނަ އަލާމާތަކީ އެއީ އެވެ. އެކަމަކު އަންހެނުންނަށް، ހާޓް އެޓޭކްގެ އަލާމާތްތައް ތަފާތެވެ. އަދި އެއީ ކޮން ކަންތައްތަކެއްކަން ނޭނގޭ ނަމަ، ހާޓް އެޓޭކެއްގެ އަލާމާތްތަކެއް ކުރިމަތިވިޔަސް، އެކަން މާ އާދައިގެ ގޮތަކަށް ނެގިދާނެ އެވެ.
ސޯޝަލް މީޑިއާގައި އަމިއްލަ ތަޖުރިބާ ހިއްސާކުރި އެއް އަންހެނަކަށް ދިމާވި ގޮތަކީ އެއީ އެވެ. އޭނާއަކީ ނަރުހެކެވެ. އެކަމަކު ފުރާނަ އަށް ނުރައްކާވާ ވަރުގެ ހާޓް އެޓޭކެއް ޖެހުނު އިރު ވެސް އޭނާ އަށް ފެނުނީ މާ ސީރިއަސް ކަމެއްހެން ހީނުވާ އަލާމާތްތަކެކެވެ. އެހެންވެ ފަރުވާ ހޯދާކަށް އޭނާ ފުރަތަމަ ނޫޅެ އެވެ. އެ ވާހަކަ ޓްވިޓާގައި ކިޔައިދީ، އޭނާ ވަނީ ހާޓް އެޓޭކެއްގެ އަލާމާތްތަކެއް ދިމާވެއްޖެ ނަމަ، އެއީ ކިތަންމެ ކުޑަ ކަމަކަށް ވިޔަސް، ސީރިއަސްކޮށް ނަގަން އެހެން އަންހެނުންނަށް ހަނދާންކޮށްދީފަ އެވެ.
"ޖީވީޒީ"ގެ ނަމުގައި ޓްވިޓާގައި ބޭނުންކުރާ އެމެރިކާ މީހާ އެހީ އަށް އެދުނީ ހާޓް އެޓޭކްގެ އަލާމާތްތައް ފެންނަން ފެށިތާ އެތައް ހަފްތާއެއް ފަހުންނެވެ. އޭރު، އޭނާގެ ހިތާ ގުޅިފައިވާ ނާރެއްގެ 95 ޕަސެންޓް ހުރީ ބެދިފަ އެވެ. އަދި އެކަން ރަނގަޅުކުރަން ހަތަރު ސްޓެންޓް ނުވަތަ ހޮޅިކޮޅު ލައްވަން ޖެހުނެވެ. އޭނާ ޓްވީޓްކުރި ގޮތުގައި ހާޓް އެޓޭކާ ގުޅިގެން އޭނާ އަށް އިހުސާސްކުރެވުނީ ކުޑަވަރެއްގެ ތަދެކެވެ. އަދި އެއީ، ތަނެއް ސާފުކުރި އިރު މަސްގަނޑަށް އެރި ތަދެއް ކަމަށް ހީކުރެވުނެވެ. ފަރުވާ ހޯދަންވާނެއޭ ހިތަށް އެރިޔަސް، ކުރަން ޖެހޭ އެހެން ކަންތައްތައް ހުރުމުން އެކަން ފަސްކޮށްލީ އެވެ.
އަންހެންމީހާ ކިޔައިދިން ގޮތުގައި ބުރަކަށީގެ މަތީ ބަޔާއި ކޮނޑާއި ދެ އަތުން ދިލަ ނަގައި ރިއްސާތީ، ތަދު ކަނޑުވާ ބޭހެއް ކާލައިގެން ކޮނޑުމަތި ބޮނޑިތާންކޮށްލައިގެން އޭނާ އުޅުނީ އެވެ. އެ ތަދު އައިސް ގޮސް، ހަފްތާތަކެއް ހޭދަވި އިރު ވެސް އޭނާގެ މެއަކަށް އެއްވެސް ވަރަކަށް ތަދެއް ނުވެ އެވެ. އޭނާ އެންމެ ފަހުން 911 އަށް ގުޅީ، ކުއްލިއަކަށް ދާހިތްލައިގަނެ ހޮޑުލެވެން ފެށުމުންނެވެ. ފަރުވާ ދިނުމަށް ފަހު ފަސް ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
އެ އަންހެންމީހާ ޓްވީޓްތަކަށް އެތައް ހާސް ބަޔެއްގެ ސަމާލުކަން ލިބިފައިވާ އިރު، އަންހެނުންނަށް ދިމާވާ ހާޓް އެޓޭކްގެ އަލާމާތްތައް ތަފާތުކަން ގިނަ ބަޔަކަށް ނޭނގޭކަން ވަނީ ފާހަގަވެފަ އެވެ.