14 ޑިސެމްބަރ 2018 - 17:04

އިސްލާމްއާބާދު (ޑިސެމްބަރު 14) - ޕާކިސްތާނަށް މިހާތަނަށް ލިބިފައި ނުވާވަރުގެ ބިޔަ އިންވެސްޓްމަންޓެއް ސައުދީ އަރަބިއާ އިން ލިބޭނެ ކަމަށް އެ ގައުމުގެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ މިނިސްޓަރެއް ކަމަށްވާ އަސަދު އުމަރު ވިދާޅުވީ ބޯޅަ އޮތީ ޕާކިސްތާނުގެ ކޯޓުގައި ކަމަށާއި ކެބިނެޓުން ފާސްކުރުމުން ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށެވެ. އަދި އިންވެސްޓްމަންޓް ޕެކޭޖުގެ އެޕްރޫވަލް އަވަސް ކުރުމަށް ސައުދީން އެދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ރިޒާވް އަށް އެއް ބިލިއަންް ޑޮލަރު ލިބިފައިވާ ކަމަށް ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) އިން މިއަދު ވަނީ ބުނެފަ އެވެ. ސައުދީގެ އެހީއާ އެކު މަރުކަޒީ ބޭންކުގެ ރިޒާވް މިހާރު ހުރީ 9.4 ބިލިއަން ޑޮލަރުގަ އެވެ. މިއީ ސައުދީން ދިން އެހީގެ ދެ ވަނަ ޕެކޭޖެވެ. ތިން ވަނަ ޕެކޭޖް ޖެނުއަރީ މަހު ލިބޭނެ ކަމަށް އެސްބީޕީ އިން ވަނީ ބުނެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ސައުދީ އަށް ކުރެއްވި ޒިޔާރަތުގައި ސައުދީން ވަނީ ތިން ބިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ.