13 ޑިސެމްބަރ 2018 - 17:40

ކޮލަމްބޯ (ޑިސެމްބަރު 13) - ރައީސް މައިތުރިޕާލާ ސްރީ ލަންކާގެ ޕާލަމެންޓް މިދިޔަ މަހު އުވާލީ ގާނޫނާ ޚިލާފަށް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ހަތް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައި ވަނީ އިންތިޚާބަށް ގާތްގަނޑަށް ދެ އަހަރު ކުރިން ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބެއް އިއުލާން ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ސިރިސޭނާ ކުރެއްވި ކަމެއް ކަމަށެވެ. ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ނަލިން ޕެރޭރާ ވިދާޅުވީ ފަސް އަހަރުގެ ޓާމެއްގައި ހަތަރު އަހަރާއި ބައިގެ ކުރިން ޕާލަމެންޓް އުވައި ނުލެވޭނެ ކަމަށް ހުރިހާ ފަނޑިޔާރުންނަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ. ސިރިސޭނާގެ ޓާމް ހަމަވާނީ އޮގަސްޓް 2020 ގަ އެވެ.

އެހެންވެ ބައެއް ފަރާތްތަކުން ބުނަމުން ދަނީ ގާނޫނު އަސާސީއާ ޚިލާފުވެފައިވާތީ ސިރިސޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނެ ކަމަށެވެ.
މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީން ކުރިން ބުނެފައި ވަނީ ކުރިއަށްދާނެ ގޮތެއް އެނގޭނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ކަމަށެވެ.
ބޮޑު ވަޒީރު ކަމުން ރަނިލް ދުރުކޮށް އެ މާގަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ ޕާލަމެންޓް އުވާލެއްވީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ޕާލަމެންޓް އުވާލިތާ ހަތަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޕާލަމެންޓުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.
އޭގެ ފަހުން ޕާލަމެންޓުގައި ވަނީ ދެ ފަހަރެއްގެ މަތިން ރާޖަޕަކްސާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ފާސްކޮށްފަ އެވެ.
ރަނިލްގެ ޕާޓީއާ އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އިއްޔެ ވަނީ ރަނިލް އަށް މަގާމު ދިނުމަށް ޕާލަމެންޓުން ފާސްކޮށްފަ އެވެ.