13 ޑިސެމްބަރ 2018 - 16:55

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރު ރާއްޖޭގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކެމްޕޭން ކުރުމަށް އެ ޕާޓިން ކުރި ދަތުރުތަކުގެ އަގުގެ ގޮތުގައި މޯލްޑިވިއަން އަށް ދައްކަން ޖެހޭ 3.8 މިލިޔަން ރުފިޔާ ހޯދަން އެ އެއާލައިނުން ކޯޓަށް ހިނގައްޖެ އެވެ.
މޯލްޑިވިއަންގެ މޭނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެ މައްސަލައިގައި ޕީޕީއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުގެ ކަންތައްތައް ނިންމީ މިދިޔަ ހަފުތާގައި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ މިހާރު ކޯޓު މަރުހަލާގައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ކުރި އެކި ދަތުރުތަކުގެ އަގުގެ ގޮތުގައި ޕީޕީއެމް އިން މޯލްޑިވިއަން އަށް ދައްކަން އޮތް 4.8 މިލިޔަން ރުފިޔާ، ސަރުކާރު ބަދަލުވި އިރު ވެސް އެޕާޓީން އޮތީ ނުދައްކައެވެ. އަދި އެވާހަކަ މީޑިއާގައި ފެތުރެން ފެށުމުން އެޕާޓީން ވަނީ ފަހުން އެއް މިލިޔަން ރުފިޔާ ދައްކާފައެވެ. މޯލްޑިވިއަން އިން ދައުވާކުރީ އޭގެ ބާކީ 3.8 މިލިޔަން ރުފިހާ ހޯދާށެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްއަށް ނުދައްކާ އޮތް ފައިސާ އަކީ މާލޭގައި ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާއަށް މާލެއަށް މީހުން ގެނައުމަށް ކުރި ދަތުރުތަކެއްގެ އަގެވެ. އޭރު ފަހުން ފައިސާ ދައްކާ ގޮތަށް މޯލްޑިވިއަން އިން 2000 އަށް ވުރެ ގިނަ މީހުން އުފުލައިދިން ކަމަށް ވެސް އަޑު ފެތުރުނެވެ.