19 އޯގަސްޓް 2016 - 06:40

ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ބަޔަކު އޭގެ އަވާގައި ޖެހިފައިވާ "ޕޯކެމޮން" އަށް ބިނާކޮށް އަނެއްކާވެސް ފިލްމެއް ހަދަން ނިންމައިފި އެވެ.

ޖަޕާނުގެ މި ގޭމަށް ފިލްމެއް ހަދަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ލެޖެންޑްރީ ފިލްމްސް އޭގެ ރައިޓްސް ގަނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ފިލްމެއްގެ ގޮތުގައި "ޕޯކެމޮން" އަލުން ގެނެސްދޭ އިރު އޭގެ ސްްކްރީންޕްލޭ ލިޔާނީ "ގާޑިއަންސް އޮފް ދަ ގެލެކްސީ" އާއި "ގްރެވިޓީ ފޯލް" ފަދަ ފިލްމުގެ ތަކުގެ ސްކްރީންޕްލޭ ލިޔުނު ނިކޯލް ޕާލްމަން އާއި އެލެކްސް ހާސްޗް ކަމަށް ވެރައިޓީން ރިޕޯޓްކޮށްފައިވެ އެވެ.
އަދި ފިލްމުގެ ވާހަކަ ބޮޑަށް ބިނާ ކުރާނީ "ޕޯކެމޮން" ގެ "ޑިޓެކްޓިވް ޕިކަޗޫ" އަށް ކަމަށްވެ އެވެ.
ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ފިލްމު ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.
އެހެން ނަމަވެސް "ޕޯކެމޮން" އަށް ހަދާ ފިލްމުގެ ޑިސްޓްރިބިއުޓް ކުރާނީ ޔުނިވާސަލް ޕިކްޗާސްއިންނެވެ.
ޖަޕާނުން "ޕޯކެމޮން" ވުޖޫދަށް ގެނައީ 1996 ގަ އެވެ. އޭގެ 279 މިލިއަން ގޭމް މިހާތަނަށް ވިކިފައިވާ އިރު، އެއިން ލިބުނު އާމްދަނީ 21.9 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޒަމާންތަކަކަށް ފަހު "ޕޯކެމޮން" ޖާދޫގައި އެތައް ބަޔަކު ޖެހިފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭގެ މޮބައިލް އެޕް ދޫކޮށްލުމާ ގުޅިގެންނެވެ.