14 ޑިސެމްބަރ 2018 - 10:04

ރަށެއް ގަނެލަން ޝައުގުވެރިވާ މީހަކަށް މިއޮތީ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ. ހިތްގައިމު މާހައުލެއް ލިބިފައިވާ އަދި ވަކިން ހާއްސަކޮށް ގިނަ އަދަދެއްގެ ޕެންގުއިން އުޅޭ ފޯކްލޭންޑް އައިލެންޑްސްގެ ޕެބްލް އައިލެންޑް މިހާރު ވަނީ ވިއްކާލަން ނިންމައިފަ އެވެ.

ވަކި އަގެއް ވެސް ކަނޑައަޅައިފައެއް ނެތެވެ. އެކަމަކު ބަކަރިހުއިހެއްޕުން ކަހަލަ ކަމަކަށް މި ރަށް ގަންނަން ބޭނުންވާ ނަމަ ހާއްސަ އަގަކަށް ރަށް ލިބި ވެސް ދާނެ އެވެ.

ފޯކްލޭންޑް ނިސްބަތްވާ އާއިލާގެ މެމްބަރެއް ކަމަށްވާ ޕެމްބްރޯކްޝަޔާގެ ސޭމް ހެރިސް ބުނީ ޕެބްލް އައިލެންޑް ވިއްކައިލަން ނިންމީ އެ ރަށް ބަލަހައްޓަން އާއިލާ އަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ހެދި ކަމަށެވެ.
"މިއީ ވަރަށް ވެސް ހިތްގައިމު އަދި ހިތްފަސޭހަ ރަށެއް،" މަންމަ ކްލެއާ އިސްކޮށް ހުރެގެން ބަލަހައްޓާ ރަށާ ބެހޭގޮތުން އޭނާ ބުންޏެވެ. "އެކަމަކު އަހަރެމެންނަށް މި ރަށް މެނޭޖް ކުރަން ދަތިވެގެން ރަށް ވިއްކާލަނީ."
ސޭމްގެ އާއިލާ އަށް ނިސްބަތްވާ ފޯކްލެންޑްގެ ރަށްތަކުގެ ތެރެއިން މިހާތަނަށް ވިއްކައި ނުލައި އޮތް ހަމައެކަނި ރަށަކީ ވެސް ޕެބްލް އައިލެންޑެވެ. މިއީ ދިގުމިނުގައި 20 މޭލު އަދި ފުޅާ މިނުގައި ހަތަރު މޭލު ހުރި ރަށެކެވެ. ފަރުދަބައިގެ ހިތްގައިމުކަން ވެސް ލިބިފައިވާ ޕެބްލްގައި އެތައް ވައްތަރެއްގެ ޕެންގުއިން އުޅޭ އިރު، 42 ވައްތަރެއްގެ ދޫނި މި ރަށުގައި އުޅެ އެވެ. އަދި 6،000 ކަންބަޅި އާއި 125 ގެރިބަކަރި ވެސް ޕެބްލްގައި އެބަ އޮތެވެ.
ވަޔާއި އިރުގެ ހަކަތައިން ކަރަންޓް ލިބޭ މި ރަށުގެ ހާއްސަ އަނެއް ކަމަކީ މިއީ އިންޓަނެޝަނަލް ބާޑް އެންޑް ބައޯޑައިވާސިޓީ އޭރިއާ (އައިބީއޭ) އަކަށްވުމެވެ.
ހުރިހާ އެއްޗަކާ އެކު ދެ ފަރާތް އެއްބަސްވާ އަގަކަށް ރަށް ވީހާ ވެސް އަވަހަކަށް ވިއްކައިލަން ސޭމް އާއި އާއިލާ އިން ބޭނުންވެ އެވެ.
"ރަށް ވިއްކައިލާ އިރު އަހަރެމެން ބޭނުން ވަނީ ރަށް ބެލެހެއްޓޭ ކަހަލަ މަސައްކަތެއް ކުރާނެ ބަޔަކަށް ޕެބްލް ވިއްކައިލަން،" ސޭމް ބުންޏެވެ.
އޭނާ ފާހަގަ ކުރި ގޮތުގައި ގެރިކަބަރި އާއި ކަންބަޅި ފަދަ ޖަނަވާރު ގެންގުޅުން ކަހަލަ މަސައްކަތަކަށް އެއީ ފައްކާ ރަށަކަށް ވާނެ އެވެ. އެގޮތުން މިހާރު ވެސް އެ ރަށުން އުފައްދާ ގިނަ އަދަދެއްގެ ވޫލް އިނގިރޭސިވިލާތުގައި ވިއްކަމުން އަންނަ ކަމަށް ބުންޏެވެ.
"އެކަހަލަ މަސައްކަތަކެއް ރަށުގައި ކުރެވޭ ކަމަށް ވަންޏާ ރަށް ބެލެހެއްޓި ރަށަށް ދިރުން އައިސް ރަށް ތަރައްގީ ވެސް ވާނެ،" 1869 ގައި ކާބަފައިންގެ އާއިލާ އިން އެންމެ 400 ޕައުންޑަށް މިލްކު ކުރި ރަށާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އެހެންވެ އެކަހަލަ ވިސްނުން ހުރި ބަޔަކަށް ރަށް ވިއްކައިލުމަކީ ވަރަށް ބޮޑު އުންމީދެއް."