14 ޑިސެމްބަރ 2018 - 10:03

އިންސާނުންގެ ސިފަ އަށް ރޮބޮޓް ތައްޔާރުކޮށް، އިންސާނުންގެ ދިރިއުޅުން ފަސޭހަކުރަން ތަރައްގީވެފައިވާ ބައެއް ގައުމުތަކުން މިހާރު ކުރާ މަސައްކަތްތައް ގިނަ އެވެ.
ރަޝިއާގައި ވެސް މި ހަފުތާގައި ވަނީ "ވަރަށް މޮޅު ރޮބޮޓެއް" ދައްކާލައިފަ އެވެ. ވާހަކަ ދައްކައި، ހިނގައި، ނަށައި އަދި އިންސާނުން ހަރަކާތް ކުރާ ގޮތާ ދާދި އެއްގޮތަށް ހަރަކާތްތެރިވާ "ރޮބޮޓެއް" ދައްކައިލީ ޕްރޮޔެކްޓޯރިއާ ޓެކްނޮލޮޖީ ފޯރަމްގެ ނަމުގައި ބޭއްވި އިވެންޓެއްގައި ރަޝިއާގެ ދައުލަތުގެ މީޑިއާ ރަޝިއާ-24 އިންނެވެ.
މި "ރޮބޮޓް"ގެ ފުރިހަމަކާއި ކުޅަދާނަކަމުން އެތައް ބަޔަކު ހައިރާންވެފައި ތިއްބައި ފަހުން ވަނީ އެއަށް ވުރެ ބޮޑު ހައިރާން ކަމެއް ލިބިފަ އެވެ. އެއީ "ރޮބޮޓް ބޮރިސް" ގެ ނަމުގައި ދައްކައިލީ ހަގީގަތުގައި ރޮބޮޓެއް ނޫންކަން އެނގުމުންނެވެ. އެއީ ރޮބޮޓެއް ގޮތަށް ކޮސްޓިއުމް ލައްވާފައި ހުރި މީހެކެވެ.
މިކަން ފަޅާއަރައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، ޓެކް ފޯރަމް އިންތިޒާމު ކުރި ޓީމުން ވަނީ "ބޮރިސް ރޮބޮޓް" އަކީ އަސްލު ރޮބޮޓެއް ކަމަށް އެ މީހުން ނުބުނާ ކަމަށް ބުނެފަ އެވެ. އަދި އެ ވާހަކަ އެގޮތަށް ދައްކައި، ޕްރޮމޯޓް ކުރީ ރަޝިއާ-24 އިން ކަމަށް ބުންޏެވެ.
އެ ޓީމުން ބުނީ އެ މީހުން ދައްކައިލީ 5،000 ޑޮލަރު ހަރަދުކޮށްގެން އެލިއޯޝާގެ ނަމުގައި ތައްޔާރުކޮށްފައިވާ ރޮބޮޓް ކޮސްޓިއުމެއް ލައްވައިފައި ހުރި މީހެއް ކަމަށާއި އެ ކޮސްޓިއުމަކީ ރަޝިއާގެ ކުންފުނި ޝޯ ރޮބޮޓްސްގެ އުފެއްދުމެއް ކަމަށެވެ.
"ރޮބޮޓް ބޮރިސް" އަކީ މީހެއްކަން ފަޅާއަރުވައިވީ ރަޝިއާގެ ބްލޮގަރެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ ރޮބޮޓެއް ނޫންކަން ޝައްކުވާން ފެށީ ކޮސްޓިއުމް ފަރުމާކޮށްފައި ހުރި ގޮތުން އޭގެ ސެންސާތައް މަދުކަމާ އެކު ވެސް އިންސާނަކާ ދާދި އެއްގޮތަށް ހަރަކާތް ކުރާތީ އެކަމާ ސުވާލު އުފައްދައި، މީގެ ވީޑިއޯ އާއި ފޮޓޯ ވަރަށް ގާތުން ނަގައި ބެލުމަށް ފަހު އެވެ. އެގޮތުން ކޮސްޓިއުމްގެ ކަނދުރާއާ ދިމާލުން ވަރަށް ހަނިހަނި ތަންކޮޅަކުން މީހާގެ ކަނދުރާ ވެސް ފެންނަން ހުރި ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ރަޝިއާ-24 އިން މައާފަށް އެދި ބުދަ ދުވަހު ވަނީ އެ މީހުންގެ ފުޓޭޖްތަކުން ވެސް "ބޮރިސް ރޮބޮޓް" ގެ ވާހަކަ ނަގައިފަ އެވެ.