ސްޓޭޓް އިންތިޚާބުގައި ގެރިއާ ބެހޭ ވަޒީރަށް ނާކާމިޔާބު
ސްޓޭޓް އިންތިޚާބުގައި ގެރިއާ ބެހޭ ވަޒީރަށް ނާކާމިޔާބު

ނިއު ދިއްލީ (ޑިސެމްބަރު 13) - އިންޑިއާގެ ބައެއް ހިސާބުތަކުގައި އަންގާރަ ދުވަހު ބޭއްވި ސްޓޭޓް އެސެމްބްލީ އިންތިޚާބުގައި ރާޖަސްތާން ސްޓޭޓުގެ ގެރިއާ ބެހޭ ވަޒީރަށް ނާކާމިޔާބުވެއްޖެ އެވެ.

ގެރިއާ ބެހޭ އިންޑިއާގެ ފުރަތަމަ ވަޒީރުގެ ގޮތުގައި މަޝްހޫރު ބީޖޭޕީގެ އޮތާރާމް ދެވާސީ ބަލިވެފައި ވަނީ އަމިއްލަ ކެންޑިޑޭޓަކާ ވާދަކޮށް 10،000 ވޯޓުންނެވެ. އަނެއްކޮޅުން މަދިޔަ ޕްރަދޭޝްގައި ވަނީ ހެޕިނަސް މިނިސްޓަރު ނުވަތަ އުފާވެރިކަމާ ބެހޭ ވަޒީރު ވެސް ކޮންގްރެސްގެ ކެންޑިޑޭޓާ ވާދަކޮށް ބަލިވެފަ އެވެ.

ގެރިއަކީ އިންޑިއާގެ ހިންދޫން މާތްކޮށް ހިތާ ޖަނަވާރެކެވެ. ބީޖޭޕީން 2014 ވަނަ އަހަރު ވެރިކަމަށް އައުމަށް ފަހު ގެރި ހިމާޔަތް ކުރަން ދީފައިވާ ސަމާލުކަން ބޮޑެވެ. އަދި ގެރި ކަތިލާ މީހުންނަށް ދަނީ ބޮޑެތި އަދަބު ދެމުންނެވެ.

ޕާކިސްތާނާ އިންވެގެން އޮންނަ ރާޖަސްތާނުގައި ވެސް ގެރި ކަތިލުމުގެ ތުހުމަތުގައި ބައެއް މީހުންނަށް ހަމަލާދީ ވަނީ މަރާލައިފަ އެވެ.

ގެރީގެ ކަންކަން ބެހެއްޓުމަށް ޚާއްސަކޮށްގެން މުޅި އިންޑިއާގައި ވެސް ފުރަތަމަ ފަހަރަށް މިނިސްޓްރީއެއް އުފެއްދީ ރާޖަސްތާނުގައި 2015 ވަނަ އަހަރު އެވެ. އަދި އެ މިނިސްޓްރީ ހިންގަން ހަވާލުކޮށްފައިވާ ވަޒީރަކީ ދެވާސީ އެވެ. އޭނާ ވަނީ ސްޓޭޓުގެ ބައެއް ވިޔަފާރިތަކުން "ގެރި ޓެކްސް"ގެ ނަމުގައި 20 ޕަސެންޓް ނަގައި، އެ ފައިސާ އިން، ދޫކޮށްލެވިފައިވާ ގެރިތަކަށް ހިމާޔަތް ހޯދައިދިނުމަށް ވަކި ތަނެއް ހަދައިފަ އެވެ. އަދި އޭނާގެ ބެލުމުގެ ދަށަށް އެތައް ހާސް ގެރިއެއް ގެނެސް އެ ގެރިތައް ބަލަހައްޓެމުގެ މަސައްކަތް ކުރި އެވެ. ނަމަވެސް ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ތިބި 500 ގެރި 2016 ވަނަ އަހަރު ބަނޑަށް މަރުވުމުން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އޭގެ ފަހުން އޮގަސްޓް މަހު ވަނީ ވިހަވެގެން 28 ގެރި މަރުވުމުން ވެސް އޭނާ ވަނީ ފާޑުކިޔަން ފަށައިފަ އެވެ.

ރާޖަސްތާނުގައި ބީޖޭޕީން ކެމްޕޭން ކުރީ ވެސް ގެރި ކަތިލާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެ އެވެ. އަދި ގެރި ހިމާޔަތް ކުރަން އިތުރު ފައިސާ ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. ގެރި ކަތިލާ މީހުންނަށް ރާޖަސްތާނުގައި ދޭ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.