ދެ ވަނަ ބުރުން ރާއްޖެ އަށް މުބާރާތް ނިމިއްޖެ
ދެ ވަނަ ބުރުން ރާއްޖެ އަށް މުބާރާތް ނިމިއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޔޮނެކްސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމަށް ދެ ވަނަ ބުރުން މުބާރާތް ނިމިއްޖެ އެވެ.

ރާއްޖޭގެ ޓީމުން ވަނީ މުބާރާތުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އަދި މިކްސް ޑަބަލްސް ބައިގައި ދެ ވަނަ ބުރުގައި ވާދަކޮށްފަ އެވެ. ފިރިހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުގައި ކުޅުނީ ޒަޔާން ޒަކީ އާއި ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު އެވެ. އަންހެން ސިންގަލްސް ބައިގައި އައިމިނަތު ނަބީހާ ދެ ވަނަ ބުރުގައި ވާދަކުރިއިރު، މިކްސް ޑަބަލްސް ބައިގައި ރާއްޖޭގެ އިބްރާހިމް ޝާމިއު އާއި ނީލާ ނަޖީބުގެ ޕެއާ ވަނީ ދެ ވަނަ ބުރުގައި ކުޅެފަ އެވެ.

އިއްޔެ ކުޅުނު ދެ ވަނަ ބުރުގެ މެޗުން ނިބާލް ބަލިވީ ބަންގްލަދޭޝްގެ މުހައްމަދު ސަލްމާން އަތުންނެވެ. ސަލްމާން މެޗުގެ ސެޓުތައް ގެންދިޔައީ 21-10 އަދި 21-10 އިންނެވެ. މި ބައިގައި ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ގޯރަބް ސިންހާއާ ވާދަކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-17 އަދި 21-13 އިންނެވެ.

އަންހެން ސިންގަލްސް ބައިގައި ނަބީހާ ބަލިވީ ތިން ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ މުގްދާ އަގްރޭ އަތުންނެވެ. މުގްދާ ސެޓުތައް ގެންދިޔައީ 21-06 އަދި 21-08 އިންނެވެ. މިކްސް ޑަބަލްސް ބައިގައި ޝާމިއު އާއި ނީލާގެ ޕެއާ ބަލިވީ މުބާރާތުގައި ދެ ވަނަ އަށް ސީޑްކޮށްފައިވާ މެލޭޝިއާގެ ޕެއާ އެއް ކަމަށްވާ ޕަން ރޯން ޔި އާއި ސީގެ ޕެއާ އަތުންނެވެ. ޕަން އާއި ސީ ސެޓުތައް ގެންދިޔައީ 21-10 އަދި 21-13 އިންނެވެ.

އަންހެން ޑަބަލްސްގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖޭގެ ނަބާހާ އާއި ނަބީހާގެ ޕެއާ މުބާރާތުގެ ފުރަތަމަ ބުރުން ބަލިވީ ސްރީލަންކާގެ ޕްރަމޯދިކާ ހެންދަހޭވަ އާއި ކަވީދީ ސިރިމަނަގޭގެ ޕެއާ އަތުންނެވެ. ޕްރަމޯދިކާ އާއި ކަވީދީގެ ޕެއާ ސެޓުތައް ގެންދިޔައީ 21-07 އަދި 21-18 އިންނެވެ.

ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ ފާއިތުވި އަހަރުތަކުގައި ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް މެޑަލް ހާސިލްކޮށްފަ އެވެ. ދާދި ފަހުން ނޭޕާލުގައި ކުރިއަށްދިޔަ ބައިނަލްއަގްވާމީ ދެ މުބާރާތުގައި ވެސް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ދެ ބެޑްމިންޓަން މުބާރާތް ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.