14 ޑިސެމްބަރ 2018 - 10:08

މީގެ ދެ އަހަރު ކުރިން ޑިޒްނީ އާއި މާވެލް އިން ގެނެސް ދިން ކާމިޔާބު ސުޕަހީރޯ ފިލްމު "ޑޮކްޓާ ސްޓްރޭންޖް" ގެ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރަން ފުރަތަމަ ފިލްމު ވެސް ހެދި ސްކޮޓް ޑެރިކްސަންއާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ވެރައިޓީން ބުނި ގޮތުގައި "ޑޮކްޓާ ސްޓްރޭންޖް" ގެ ދެވަނަ ބައި ހަދަން ސްކޮޓްއާ ހަވާލު ކުރުމަށް ފަހު، ޑިޒްނީން މިހާރު އަންނަނީ ފިލްމުގެ ސްކްރީންޕްލޭ ލިޔާނެ މީހަކު ހޯދަމުންނެވެ. ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް މީޑިއާތަކާ ހިއްސާ ކުރަން ޑިޒްނީން ބޭނުން ނުވާ ކަމަށް ވެރައިޓީން ބުންޏެވެ.
"ޑޮކްޓާ ސްޓްރޭންޖް" ގެ ސްކްރީންޕްލޭ ލިޔުނީ ޑައިރެކްޓަރު ސްކޮޓްގެ އިތުރުން ސީ. ރޮބަޓް ކާގިލް އާއި ޖޮން ސްޕެއިޓްސް އެވެ. މި ފިލްމުގައި ލީޑް ރޯލް ކުޅުނީ ބެނެޑިކްޓް ކަމްބަބެޗް އެވެ. މީޑިއާތަކުން ބުނާ ގޮތުގައި ފިލްމުގެ ދެވަނަ ބައިން ވެސް އޭނާ ކުރިން ކުޅުނު ކެރެކްޓާއާ އެކު ފެނިގެން ދާނެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރުގައި ސިނަމާތަކަށް ގެނައި "ޑޮކްޓާ ސްޓްރޭންޖް" އަކީ ބޮކްސް އޮފީހުގައި 677.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ހަދަން ގާތްގަނޑަކަށް 236.6 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
"ޑޮކްޓާ ސްޓްރޭންޖް" ގެ ދެވަނަ ބައި ގެނެސް ދޭނެ އިރެއް ޑިޒްނީން އަދި އިއުލާނެއް ނުކުރެ އެވެ.
ސްކޮޓް ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ދި އެކްސޯޒިމް އޮފް އެމިލީ ރޯޒް (2005)، ސިނިސްޓާ (2012) އަދި ޑެލިވާ އަސް ފްރޮމް އީވިލް (2013) ހިމެނެ އެވެ.