16 ވަނަ ރައްޔިތުންގެ މަޖިލީހުން ވަކިކުރި މެމްބަރުންގެ މައްސަލަ
16 ވަނަ ރައްޔިތުންގެ މަޖިލީހުން ވަކިކުރި މެމްބަރުންގެ މައްސަލަ

އައު ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށިފަހުން ގެއްލިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމާ ގުޅިގެން ސުވާލު އުފެދުނު ގޮނޑިތަކުގެ މައްސަލަތައް ޝަރުޢީ މަރުޙަލާގެ ތެރެއިން ނިއުޅެމުންގޮސްފައި ވާނީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ މިޙްވަރުގެ ތެރެއިންކަމާ މެދު ވިސްނާލަންޖެހޭ ބައެއް މައްސަލަތައް ޝަރުޢީ މަރުޙަލާއިން ނިމިފައިވެއެވެ. ޤާނޫނުއަސާސީން މަތިކޮށްފައިވާ ރަޤާބާގެ ދައުރު މެންބަރުންގެ މައްސަލަތަކުގައި އަދާކުރެވިފައި ވާނީ ޤާނޫނީ ތަރަހައިގެ ތެރެއިންތޯ ބަލައިލުމުގެ މުހިއްމުކަން ބޮޑުވެއްޖެ އެވެ.

މިއީ އެގޮތުން ބަލައިލެވޭ ފުރަތަމަ މައްސަލަ އެވެ. މިނޫނަސް، ބައެއް ވަކިވަކި މައްސަލަތަކަށް އެހެން ފަހަރަކުން ބަލައިލެވޭތޯ މަސައްކަތްކުރާނަމެވެ. މި މައްސަލައަކީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް ހުށަހެޅުނު މި ބާވަތުގެ ފުރަތަމަ މައްސަލަ ވެސް މެއެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ބައެއް މެންބަރުން ވަކިކުރެއްވުން އެއިރު ވެގެންދިޔައީ ޑިމޮކްރެޓިކް ނޯމްސް އެއްގޮތަށް ހެދިފައިވާ މިހާރު މިއޮތް ޤާނޫނުއަސާސީ އަށް ތަމްރީނު ނުވެއުޅެނިކޮށް ކުރިމަތިވި ކަންތައްތަކުގެ ތެރެއިން ދުސްތޫރީ ބަހުސަކަށް ހުޅުވިގެން ދިޔަ ކަމަށެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކުރެއްވި މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލެވުނު މަޖިލީހެކެވެ. ކުރީގެ ޤާނޫނުއަސާސީ ދަށުން އެކުލަވާލެވުނު މަޖިލީހަކަށް ވުމާ އެކު މިހަރު މިއޮތް ޤާނޫނުއަސާސީގައި މަޖިލީސް އެކުލަވާލުމަށް ކަނޑައެޅިފައިވާ ކިތަންމެ އުޞޫލުތަކަކަށް އެ މަޖިލިސް ފުށުއަރައެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުން ވަކިކުރެއްވި މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ. މައްސަލަ ހުށަހެޅުއްވި މެންބަރުން ދެކިވަޑައިގެންނެވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެއްވުމުގެ ބާރު، މިހާރު މިއޮތް ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިނުގަންނަވާއިރު، އެއިރުގެ ރައީސުލްޖުމުހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުން މެންބަރުން ވަކިކުރައްވައި އަލަށް ޢައްޔަންކުރެއްވި މެންބަރުން ބައިވެރިކުރައްވައިގެން ބޭއްވެވި ޖަލްސާތަކާއި ފާސްކުރި ޤާނޫނުތައް ޞައްހަނުވާނެ ކަމަށް ވެސް އެ މެންބަރުން ދެކިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމުގެ ޞައްކަން ނުވަތަ މަޤާމުގެއްލުމުގެ ޞައްޙަކަމާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި ޤަޟާއީޙައްލު ދިނުމުގެ ބާރު ނުވަތަ އިޚުތިޞާޞް މަތިކޮށްފައިވަނީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއިން ސުޕްރީމްކޯޓަށް ކަމަށް ވިއަސް، 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި މެންބަރުން ވަކިކުރެއްވި މައްސަލައަކީ ސުޕްރީމްކޯޓުގެ އަޞްލީއިޚްތިޞާޞް މައްސަލައެއް ނޫން ކަމަށް ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައެޅުއްވި އެވެ.

ސުޕްރީމްކޯޓަށް ލިބިގެންވާ އަޞްލީއިޚްތިޞާޞްގެ ތެރެއިން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށް ކަނޑައެޅުއްވުމަށް ފަހު ކަމާބެހޭ ދަށު ކޯޓަކުން ބަލަންޖެހޭ މައްސަލައެއް ކަމަށް ތިން ފަނޑިޔާރުން އަޣުލަބިއްޔަތުން ނިންމެވި އެވެ. ފަނޑިޔާރުން ދެކިވަޑައިގަތީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޤާނޫނުއަސާސީގެ 74 ވަނަ މާއްދާ ތަޠްބީޤު ނުކުރެވޭނެ ކަމަށެވެ. އެހެން ނުކުތާއެއް ވެސް، ފަނޑިޔާރުން ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކާ ބެހޭގޮތުން ޖުޑީޝަލް ރިވިއު ކުރުމަކީ އިދާރީ ޠަބީޢަތުގެ އުޞޫލުން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަށުކޯޓުން ބަލަންޖެހޭ ކަމެކެވެ.

ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި ނިންމުމާ މެދު ޤާނޫނީގޮތުން ރައުޔު ތަފާތުވި އެވެ. އަދި ވަކި ރައުޔެއް ލިޔުނީމެވެ. އެހެނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމަކީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓުން ބެލޭނެ މައްސަލައެކެވެ. ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރެއްވިފައިވާ ގޮތާއި އިންތިޚާބުކުރެއްވިފައިވާ ގޮތަށް ބެލުމެއްނެތި ދައުރުގެ މެދުތެރެއިން މެންބަރަކު ވަކިކުރެވިއްޖެ ނަމަ އެކަމުގެ ޞައްޙަކަން ބެލުމަކީ އާ ޤާނޫނުއަސާސީ އަށް ފަހު ސުޕްރީމް ކޯޓުގެ ތަޚްޞީޞީ ބާރެކެވެ.

ދެވަނަ ފަހަރަށް މި މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅުނީ ދަށު ކޯޓުން ނިމިފައިވާ ހައިކޯޓުން ނިންމި އިސްތިއުނާފު މައްސަލައެއްގެ ގޮތުގަ އެވެ. ކުރިން ހުށަހެޅުނުގޮތާ ތަފާތު ޞީޣާޔަކުންނެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން އެދުނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި މެންބަރުން ވަކިކުރެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ރައިސުލްޖުމްހޫރިއްޔާ ކުރެއްވި ކަމެއް ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

ދަށުކޯޓާއި ހައިކޯޓުން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރުން ގޮތުގައި 16 ވަނަ ރައްޔިތުންގެ މަޖިލިހަށް ކަނޑައެޅިފައިވާ މެންބަރުން ޢައްޔަންކުރެއްވުމާއި ވަކިކުރެއްވުމަކީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި އާ ޤާނޫނުއަސާސީ އަށް ފަހު ވެސް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައިއޮތް އެ ޙައްޤު 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެންދެން ދެމިއޮންނާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީއާ ޚިލާފުވި ކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ.

ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހައިކޯޓާއި ދަށުކޯޓުގެ ނިންމުން ބާޠިލް ކުރެއްވި އެވެ. ސުޕްރީމްކޯޓުން ފާހަގަކުރި ގޮތުގައި ހައިކޯޓާއި ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފެވެ. އަޣުލަބިއްޔަތަށް ބުރަވި ތިން ފަނޑިޔާރުންގެ ހުއްޖަތަކީ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާ އެވެ. އާޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މަޖިލީހުގެ މެންބަރުން ގޮތުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި މެންބަރުން ވަކިކުރެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ކަމެކެވެ.

ރައީސް ޢައްޔަނުކުރެއްވި މެންބަރުން ގޮތުގައި 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައީސްގެ މެންބަރުން ވަކިކުރެއްވުން ޤާނޫނުއަސާސީއާ ޚިލާފުކަމުގައި ވާތީ، ވަކިކުރެއްވި މެންބަރުންނަށް ލިބުނު ގެއްލުމެގެ ބަދަލެއް ގޮތުގައި މެންބަރުން ވަކިކުރެއްވި ދުވަހުން ފެށިގެން 16 ވަނަ ރައްޔިތުންގެ މަޖިލިސް ދެމިގެންދިޔަ މުއްދަތުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތައް ޙައްޤުވާނެ ކަމަށް ތިން ފަނޑިޔާރުން އަޣުލަބިއްޔަތުން ކަނޑައެޅުއްވި އެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ ކަމަށް ބަޔާންކޮށް އެ މަޖިލީހުގެ ދުސްތޫރީ ހައިސިއްޔަތު ނުވަތަ ޤާނޫނީ މަރުކަޒު ކަނޑައަޅާފައިވާ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ މަޤްޞަދުގެ ތެރޭގައި އެ މަޖިލިސް އެކުލެވިފައިވާ ގޮތަށް ބަދަލު ނައިސް ދެމިއޮތުމުގެ މަފުހޫމަކީ ވަކިވަކި މެންބަރުންނަށް ބަދަލު ނައިސް ދެމިއޮތުމެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި މެންބަރުން ވަކިކުރުމުގެ ބާރު އައު ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފެށުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެނެއްނުވެއެވެ.

ސޯޅަ ވަނަ ރައްޔިތުންގެމަޖިލީހުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން ވަކިކުރުމުގެ އުޞޫލެއް އެފަދަ ތަޞައްވުރެއް އަލަށް ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީގައި ނެތެއެވެ.

އަޣުލަބިއްޔަތު ފަނޑިޔާރުންގެ ރައުޔާމެދު ޚިޔާލުތަފާތުވިއެވެ. އެހެންވެ ވަކިރައުޔެއް ލިޔުނީމެވެ. އުވިދިޔަ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި މެންބަރުން ހިމެނޭގޮތަށް އެކުލެވުނު 16 ވަނަ ރައްޔިތުންގެ މަޖިލިސް ދެމިއޮތުމުގެ މުރާދަކީ މެންބަރުން ވަކިނުކުރެވޭ ގޮތަށް މުއައްސަސާ ދެމިއޮތޯ ބެލުމަށް އެ މާއްދާގެ މަފުހޫމާއެއްގޮތް އެ ނޫން މާއްދާތަކުގެ މަޤްޞާދާ އަޅައިކިއުނެވެ. އަދި ޤާނޫނުއަސާސީ އެކުލަވާލުމުގެ ސިޔާދަތީ ބާރުއޮތް މަޖިލީހުގެ މަޤްޞަދު ވެސް ދެނެގަނެވުނެވެ.

އަލަށް ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ހަމަތަކަށް ނުފެތޭ ކުރީގެ ޤާނޫނުއަސާސީގެ ދަށުން ގާއިމުވެފައިވާ ދައުލަތުގެ މުއްސަސާތައް ދެމިއޮތުމަށް ޤާނޫނުއަސާސިން ކަނޑައެޅި މިންގަނޑު ތަފާތެވެ. ބައެއް މުއްސަސާތައް ދެމިއޮންނާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އަނެއްބައި މުއްސަސާތައް ދެމިއޮންނާނެ ކަމަށް ބަޔާންކޮށްފައިވަނީ އެ މުއްސަސާތަކުގެ މަޤާމުތަކުގައި ތިއްބެވި މީހުންނަށް ބަދަލުނައިސް ދެމިއޮންނަ ގޮތަށެވެ.

ޤާނޫނުއަސާސީ އުފަންކުރުމުގެ ސިޔާދަތީ ބާރުއޮތް ޚާއްޞަ މަޖިލީހުގެ ނިޔަތް ދެނެގަތުމުގެ ތެރެއިން ފެނުނު މިސާލެކެވެ. ސޯޅަ ވަނަ ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ ކަމަށް ބަޔާންކުރާ މާއްދާއަކީ ޤާނޫނުއަސާސީގެ 294 ވަނަ މާއްދާ އެވެ. މި މައްދާ ފާސްކުރި މަޖިލީހަށް ދެ ޑްރާފްޓެއް ހުށަހެޅުނެވެ. މަޖިލީހުގެ މެންބަރުން މަޤާމުން ވަކިނުވެ ދެމިތިބެވޭނެ ކަމަށް ބުނާ ހުށަހެޅުމަކާއި، މަޖިލިސް ދެމިއޮންނާނެ ކަމަށް ބުނާ ހުށަހެޅުމެކެވެ. ޤާނޫނުއަސާސީގެ 294 ވަނަ މައްދާގެ (ހ) ޢިބާރާތްކުރެވިފައި ވަނީ ދެވަނަ ހުށަހެޅުމާ އެއްގޮތަށެވެ.

ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ (ހ) މަޤްޞަދަކީ، ކުރީގެ ޤާނޫނުއަސާސީގެ ދަށުން އުފެންވެ ހިނގަމުން އައި ޤާނޫނު ހަދާ މަޖިލީސް، އަލަށް ޢަމަލުކުރަން ފެށި ޤާނޫނުއަސާސީގައި އެކަށައެޅުނު ދީމިޤްރާޠީ މަބްދައުތަކާއި ދުސްތޫރީ ތަރަހަޔަށް ހެޔޮވަރުނުވި ކަމުގައި ވިއަސް އެމަޖިލީހުގެ ލީގަލަޓީއާ މެދު ސުވާލު އުފެދުމުގެ ޖާގަ ނުދިނުމެވެ. ދުސްތޫރީ އެއްޙަލަތުން އަނެއްޙާލަތަށް ދައުލަތް ބަދަލުވި ކަމުގައި ވިއަސް، ވުޖޫދުގައިއޮތް ޤާނޫނު ހަދާ މަޖިލިސް ދެމިއޮތުމުގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމެވެ. އާ ޤާނޫނުއަސަސީގެ ދަށުން ޤާނޫނު ހަދާ މަޖިލިސް އިންތިޚާބުކުރެވެންދެން ދުސްތޫރީ ހުސްކަމަކަށް ނުގޮސް ޤާނޫނު ހަދާ މަޖިލީހުގެ ވަޒީފާ އަދާކުރުންމަތީ ދެމެއޮތުމެވެ. ކުރީގެ ޤާނޫނުއަސާސީން 16 ވަނަ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވި ދުސްތޫރީ ސިފަތަކާއެކު ދެމިއޮތް މަޖިލީހެއްކަން ކަނޑައެޅުމެވެ.

ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައްޔިތުން އިންތިޚާބުކުރި މެންބަރެއްގެގޮނޑި ހުސްވާ ހާލަތުގައި ޢަމަލުކުރާނެގޮތް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ޙާލަތުގައި ޢަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް، ޙާލަތަށް އަންނަބަދަލާއެކު އައުއުޞޫލެއް ކަނޑެއެޅިފައިނުވާނަމަ، ކުރީން އެކަމެއްގައި ޢަމަލުކުރަމުންއައި ސާބިޤުއުޞޫލަކީ އެކަމުގައި އަދިވެސް ޢަމަލުކުރެވެން އޮތް އުޞޫލުކަމަށް ބެލުމަކީ މިތަނުގައި ތަޠުބީޤު ކުރެވިދާނެ މަބްދައެކެވެ. ނޫނީ، 16 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރެވުނު ނުވަތަ އިންތިޚާބުކުރެވުނު އަސާސްތައް ތަފާތުނުކޮށް، އިންތިޚާބީ މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތުގައި ޢަމަލުކުރުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުޞޫލު އެ މަޖިލީހުގެ އެންމަހައި މެންބަރުންގެ މައްޗަށް ތަޠްބީޤުކުރުމެވެ.

ޤާނޫނުއަސާސީގެ 294 ވަނަ މާއްދާގެ މަޤުޞަދަކީ ދައުލަތް ހިންގުމުގެނިޒާމަށް ބުރޫނާރާނެހެން އެއް ޤާނޫނުއަސާސީން އަނެއް ޤާނޫނުއަސާސީ އަށް ދައުލަތް ބަދަލުވާއިރު، އަޅަންޖެހޭ ފިޔަވަޅެއް ގޮތުގައި 16 ވަނަ ރައްޔިތުންގެ މަޖިލީހަށް ދުސްތޫރީ ޙިމާޔަތް ދިނުމެވެ.

އެޑިޓަރުގެ ނޯޓް: އަހުމަދު ފާއިޒް ހުސެއިން އަކީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ.