ލޯބިވެރިޔާއާ ދިމާއަށް "އިޑިއަޓް" އޭ ކިޔައިގެން ދެ މަހުގެ ޖަލު ހުކުމެއް
ލޯބިވެރިޔާއާ ދިމާއަށް "އިޑިއަޓް" އޭ ކިޔައިގެން ދެ މަހުގެ ޖަލު ހުކުމެއް

ލޯބިވެރިޔާއާ ދިމާއަށް "އިޑިއަޓް" އޭ ކިޔައިގެން 20،000 ދިރުހަމުން (5،444.90 ޑޮލަރު) ޖޫރިމަނާކޮށް، ދެ މަސް ދުވަހުގެ ޖަލު ހުކުމެއް އަބޫ ދާބީގެ ފިރިހެނަކަށް އިއްވައިފި އެވެ.

ހަލީޖް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒުވާން ލޯބިވެރިޔާއާ ދިމާއަށް ފިރިހެން މީހާ މަޖަލަކަށް ހަދާފައި "އިޑިއަޓް" އޭ ކިޔާފައި ވަނީ ދެ މީހުންގެ ދޭތެރޭގައި ބަދަލު ކުރެވުނު ވަޓްސްއެޕް މެސެޖެއްގަ އެވެ. ނަމަވެސް މިކަމާ އަންހެން މީހާ ހިތްހަމަނުޖެހިގެން އައި ރުޅީގައި ލޯބިވެރިޔާ އަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅީ އެވެ.

ޔޫއޭއީއަކީ ސޯޝަލް މީޑިއާ ފަދަ އިންޓަނެޓްގެ ވަސީލަތްތައް މެދުވެރިކޮށް ބޭއަދަބީ އަދި ރުޅިވެރި ބަސްތައް ބޭނުން ކުރާ ނަމަ ހަރުކަށި އަދަބު ދެވޭ ގޮތަށް އޮންނަ ގައުމެކެވެ. އެގޮތުން އެފަދަ ގޮތަކަށް މުއާމަލާތް ކުރާ ނަމަ ޖަލު ހުކުމާ އެކު 250،000 އާއިި އެއް މިލިއަން ދިރުހަމާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ސައިބާ ކްރައިމް ގާނޫނުގެ ދަށުން ބާރު ލިބިދީފައިވެ އެވެ.

މިދިޔަ އޮކްޓޯރު މަހުގެ ތެރޭގައި ޔޫއޭއީގެ އަންހެނަކު އޭނާގެ ފިރިމީހާގެ ފޯނު ސިއްރުން ބަލައި، އޭގައި ހުރި މައުލޫމާތުތައް ކޮޕީ ކުރި މައްސަލައެއްގައި ފިރިހެން މީހާ ދައުވާ ކުރުމުން އަންހެން މީހާ އަށް ތިން މަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެ އެވެ.

ޔޫއޭއަކީއަކީ މޮބައިލް ފޯނު މެދުވެރިކޮށް ހިންގާ މިކަހަލަ ކަންކަމާ ގުޅިގެން ކޯޓް ކޭސްތައް ވަރަށް ގިނަ ގައުމެކެވެ. ލީގަލް އެޑްވައިޒަރު ހަސަން އަލް-ރިޔާމީ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ބަދަލު ކުރެވޭ "އޮފެންސިވް" މުއާމަލާތްތަކަކީ ސައިބަކްރައިމެވެ.