13 ޑިސެމްބަރ 2018 - 10:57

ހ. ހީނާމާގޭގައި ހުރި ޕާކިން ސިސްޓަމް ނަގައި އެތަން އާއްމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ޕާކިން ސިސްޓަމްތައް ބަހައްޓާފައިވަނީ އެކަމުން ފައިދާ ކުރާ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ މިހާރު ހުރި ސިސްޓަމްތައް ނަގައި ރައްޔިތުންނަށް ފަސޭހައިން ޕާކު ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެކޭނިކަލް ޕާކިން ސިސްޓަމްތަކަކީ ރައްޔިތުންނަށް ފައިދާހުރި އެއްޗެހިތަކެއްތޯ ބަލާފައިވާ ކަމަށާއި އަދި އެއީ ރައްޔިތުން ގަބޫލުކުރާ އެއްޗެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ސިސްޓަމް ބަހައްޓައިގެން އެތަން ބްލޮކް ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި މި ޖެހެނީ އެ އެއްޗެހި ނަގައި އެހެން ގޮތަކަށް ޕްލޭންކުރަން. އެގޮތަށް ވިސްނާއިރު މި ވަގުތަށް އޮތް ހައްލަކީ އެތަން ހުސްކޮށްފައި ޕާކިންނަށް ދޫކޮށްލުން،" އަައިޝާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ޕާކިން ސިސްޓަމްތައް ހުރުމުން އެތަނުގެ ހުސް ތަންތަނުގައި ވެސް ޕާކު ނުކުރެވޭ ކަމަށެވެ. އެއީ އާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ހުރި އެއްޗެހިތަކެއް ނޫން ކަމަށް ވެސް ރަފީއު ވިދާޅުވި އެވެ.
ޕާކުކުރުމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މާލޭގެ އެކި ދިމަދިމާލުގައި ޕާކިން ސިސްޓަމްތަކެއް ބަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހީނާމާގެ ޕާކިން ސަރަހައްދާއި ވެލާނާގެ ކައިރި އަދި ގާކޮއްޓާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ މިސްކިތް ކައިރީ ބެހެއްޓި ސިސްޓަމް ހިމެނެ އެވެ. ނަމަވެސް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް އެ ސިސްޓަމުތަކުގެ ބޭނުމެއް ނުކުރެވެ އެވެ. ސިސްޓަމްތަކުގައި މިހާރު ހުރީ ދަބަރު ވެސް ޖަހައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މި ވަގުތު ކުރަމުން އަންނަނީ ހީނާމާގޭގައި ހުރި ސިސްޓަމް ނެގުމުގެ މަސައްކަތެވެ.