"ކޮފީ ވިތު ކަރަން" ގެ 6 ވަނަ ނިންމައިލާނީ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާއާ އެކު
"ކޮފީ ވިތު ކަރަން" ގެ 6 ވަނަ ނިންމައިލާނީ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާއާ އެކު

ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން އޮކްޓޯބަރު މަހުގެ 21 ގައި ދައްކަން ފެށީ ދީޕިކާ ޕަދްކޯން އާއި އާލިއާ ބަޓް މެހުމާނުންގެ ގޮތުގައި ބައިވެރިވި ފޯރި ގަދަ ފުރަތަމަ އެޕިސޯޑާ އެކުގަ އެވެ.

އޭގެ ފަހުން ކޮންމެ އާދީއްތަ ދުވަހުގެ ރެއަކީ މި ޝޯގެ އާ އެޕިސޯޑަކާ އެކު ކޮންމެވެސް މަޝްހޫރު ދެ ތަރިއަކު ފެނިގެންދާ ޝޯއަކަށެވެ. މިހާރު ޝޯ ނިމުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، ކަރަން ޝޯ މި ފަހަރު ނިންމައިލާނީ ވެސް ވަރުގަދަ އެޕިސޯޑަކުންނެވެ.

މި އެޕިސޯޑް އެންމެ ހާއްސަވާ އެއް ސަބަބަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ ފެނިގެން ދާނެތީ އެވެ. މި ދެ ތަރިން ފެނިގެންދާ އެޕިސޯޑް މިހާރު ވަނީ ޝޫޓް ކޮށްފަ އެވެ. ސެޓުން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ކުރިން އަޑު އަރާފައި އޮތް ގޮތުން ޕްރިޔަންކާ މި ފަހަރު ޝޯގައި ބައިވެރިވާނީ ފިރިމީހާ ނިކް ޖޯނަސްއާ އެކުގަ އެވެ.

ނަމަވެސް ކަރީނާއާ އެކު އޭނާ ޝޯ ބައިވެރިވުން ވެގެން ދާނީ މި ދެ ތަރިންގެ ފޭނުންނަށް ވެސް ތަންކޮޅެއް ސަޕްރައިޒިން ކަމަކަށެވެ.

ކަރީނާ އާއި ޕްރިޔަންކާއަކީ އެއް އިރެއްގައި ވަރަށް ވާދަވެރި އަދި އެކަކު އަނެކަކަށް ކުރިން ބަހުގެ އެކިއެެކި ހަމަލާތައް ވެސް ފޮނުވާފައިވާ ދެ ތަރިންކަން ފާހަގަ ކުރެވެ އެވެ. ކަރަންގެ ޝޯގައި ފުރަތަމަ ފަހަރަށް މި ދެ ތަރިން އެކީގައި ބައިވެރިވާތީ މިއީ ޔަގީނުން ވެސް ޝައުގުވެރި ވަރަށް ގިނަ ވާހަކަތަކެއް އިވިގެން ދާނެ އެޕިސޯޑަކަށް ވާނެ އެވެ.

ކަރީނާ އާއި ޕްރިޔަންކާ ވަނީ އެކުގައި މަސައްކަތް ވެސް ކޮށްފަ އެވެ. އެއީ އަކްޝޭ ކުމާރާ އެކު ކުޅުނު 2004 ގެ "އެއިތުރާޒް"ގަ އެވެ. އަދި ޕްރިޔަންކާ ލީޑް ބަތަލާގެ ރޯލް ކުޅުނު 2006 ގެ ފިލްމު "ޑޮން" ގައި ކަރީނާ ވަނީ އައިޓަމް ލަވައެއް ކުޅެފަ އެވެ.